އެމޭޒަން ރެއިންފޮރެސްޓަކީ ދުނިޔޭގެ "ފުއްޕާމޭ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. ބުނެވޭގޮތުގައި ދުނިޔޭގެ އޮކްސިޖަންގެ %20 ހިއްސާކުރަނީ އެމޭޒަން ރެއިންފޮރެސްޓުން އުފައްދާ އޮކްސިޖަންއެވެ. ހަމަ މިއާ އެއްވަރެއްގެ އަދަދަކަށް އެމޭޒަން ރެއިންފޮރެސްޓު އޮކްސިޖަން ބޭނުންކުރާ ކަމަށްވެސް ވެއެވެ. އެއީ އެ ޖަންގަލީގައި ދިރިއުޅޭ ދިރުންތައް ނޭވާ ލުމަށާއި އެތަނުގެ ބިމުގައި ހިނގާ ނެތިފަނާވުނުގެ ހަރަކާތްތަކަށް އޮކްސިޖަން ބޭނުން ކުރާތީއެވެ. އެމޭޒަންއަކީ ދިރޭ ތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން ދުނިޔެ ރައްކާތެރިކޮަށްދިނުމަށް ވަރަށް މުހިންމު ތަނެކެވެ. އެގޮތުން، އެމޭޒަންގައި 90-140 ބިލިއަން މެޓްރިކް ޓަނުގެ ކާބަން ރައްކާކުރެވިފައިވާއިރު، ދުނިޔޭގައި ހޯދިފައިވާ ހުރިހާ ބާވަތްތަކުގެ ދިރުންތަކުގެ ތެރެއިން %10 އަކީ މިތަނުގައި ދިރިއުޅޭ ބާވަތްތަކެވެ.

މީގެ އިތުރުން، އެމޭޒަން ޖަންގަލީގައި ފެން ހިމެނި އެފެން ދައުރުވަމުންދާކަމީ، ދެކުނު އެމެރިކާގެ އަދި އެނޫން ބައެއް ސަރަހައްދުތަކުގެ ވާރޭވެހޭ ގޮތަށް އަސަރުކުރުވާ ކަމެކެވެ. އަދި އެތައް މިލިއަން އިންސާނުންގެ ކާނާއާއި ބޭހާއި، ސަގާފީ ދިރިއުޅުން އެމޭޒަން ޖަންގަލީގެ މައްޗަށް ބަރޯސާވެއެވެ. ނަމަވެސް، ޖަންގަލީގެ ގަސްތައް ކެނޑުމާއި، އަލިފާނުގެ ހާދިސާތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެމޭޒަންގެ ކާބަން ރައްކާކުރުމުގެ ގާބިލިއްޔަތުކަން ދަނީ ކުޑަވަމުންނެވެ. ބައެއް ސަރަހައްދުތަކުގައި، އެމޭޒަންއަކީ ކާބަން ހިމެނޭ ތަނަކަށް ވުމުގެ ބަދަލުގައި، ކާބަން ބޭރުކުރާ ތަނަކަށް ބަދަލުވެދާނެ ކަމަށް ސައިންސްވެރިން އިންޒާރުދެމުންދެއެވެ. ވުމާއެކު، އެމޭޒަން ހިމާޔަތްކުރުމަކީ އޮކްސިޖަންއަށްވުރެ ބޮޑަށް، މޫސުމީ ހަމަހަމަކަމާއި، ދިރޭ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމަށް ވަރަށް މުހިންމު ކަމެކެވެ.