ކައުނުގެ ނިޒާމާއި، ޤުދްރަތީ ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި މިފަދަ އެތައް ސިއްރަކާއި ޙިކުމަތެއް އެކުލެވިފައިވެއެވެ. ސޫރަތުއްރަޙްމާނުގެ 17 ވަނަ އާޔަތުގައިވަނީ: ﴿17﴾ رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ. މާނައީ: އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.)" މި އާޔަތުން ދައްކުވައިދެނީ އިރު އެރުމާއި އޮއްސުން، މޫސުން ބަދަލުވުން، އަދި ކައުނުގައި ﷲ ތަޢާލާ ޤާއިމުކުރައްވާފައިވާ ހަމަހަމަ ނިޒާމުގެ މައްޗަށް އެކަލާނގެއަށް ލިބިވޮޑިގަންނަވާ ބާރާއި ވެރިކަމުގެ މޮޅުކަމެވެ.

"އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަން" މި ބަސްތަކުން ލަފުޒީ ގޮތުން އިޝާރާތްކުރަނީ އަހަރުގެ ތެރޭގައި އިރުއަރާ އަދި އޮއްސޭ ދެ މަންޒިލަށެވެ. އެއީ ހޫނު މޫސުމާއި ފިނި މޫސުމުގައި އިރުއަރާ އަދި އޮއްސޭ ވަކި މަންޒިލުތަކެވެ. މި ތަފާތަކީ ބިމުގެ ލެނބިފައިވާ އޮނިގަނޑާއި، އިރުގެ ވަށައިގެން ދަތުރުކުރާ ދަތުރުގެ ސަބަބުން ވާ ކަމެކެވެ. ފުޅާ މާނައެއްގައި ނަމަ، މި އާޔަތުން ރަމްޒުކޮށްދެނީ ﷲ ތަޢާލާގެ ވެރިކަން ހުރިހާ ދިމާލަކާއި، ހުރިހާ ވަގުތަކާއި، ހުރިހާ ތަނަކަށް ފެތުރިފައިވާ މިންވަރެވެ. މިއީ ރޫޙާނީގޮތުން، ދިރިއުޅުމުގެ ދައުރުތަކާއި (ފެށުންތަކާއި ނިމުންތައް، އަލިކަމާއި އަނދިރިކަން) ހުރިހާ ކަމެއްވެސް ﷲ ތަޢާލާގެ ބާރުގެ ދަށުގައިވާ ކަމުގެ ބޮޑު އިބުރަތެކެވެ.

މި އާޔަތުން ލިބޭ މުހިންމު ފިލާވަޅުތަކުގެ ތެރޭގައި، މޫސުންތަކާއި ވަގުތުތަކުގެ ތަފާތުތަކާއެކުވެސް ހުރިހާ ކަމެއް ﷲ ގެ އިރާދަފުޅުން އެއްބައިވަންތަކަމާއެކު ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. އަދި، އިރުއެރުމާއި އޮއްސުން ހަމަޖެހިފައިވާ ފުރިހަމަ ތަރުތީބުން، ދުނިޔަވީ ކަންކަމާއި އުޚުރަވީ ކަންކަމުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ބޭނުންވާކަން ހަނދާންކޮށްދެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހެއްގެ އިރުއެރުމާއި އިރުއޮއްސުމުގެމި ނިޒާމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ޚާލިޤުވަންތަ ރައްބަށްޓަކައި ޝުކުރުވެރިކަމާއި، ބިރުވެތިކަން އުފައްދަންޖެހެއެވެ.

ސޫރަތުއްރަޙްމާނަކީ ﷲ ތަޢާލާގެ ނިޢުމަތްތަކާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ވާހަކަ ތަކުރާރުކޮށް ބަޔާންކުރައްވާފައިވާ ސޫރަތެކެވެ. މި ސޫރަތުގައި ތަކުރާރުކޮށް ﷲ ވަޙީކުރައްވާފައި ވެއެވެ. "فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ. މާނައީ: (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟" މި އާޔަތްތަކަކީ، ﷲ ތަޢާލާގެ ރަޙްމަތާއި، ބާރުވެރިކަން ދައްކުވައިދޭ ޢިލްމީ ނިޝާނެކެވެ. އެއީ ހުރިހާ އިންސާނުންނަށްވެސް ފެންނަން ހުންނަ ފަދަ ހެކިތަކެކެވެ. އެހެންކަމުން، މި އާޔަތްތަކަކީ ﷲ ތަޢާލާގެ ޢިލްމުވެރިކަމާއި، ބާރުވެރިކަމާއި، ރަޙްމަތުގެ ކުލަގަދަ ދަލީލެކެވެ. މި އާޔަތުން އަޅުގަނޑުމެން އިބްރަތް ލިބިގަނެ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް ޝުކުރުވެރިވެ، ބޯލަނބާ ކިޔަމަންތެރިވުމަށް ގޮވާލައެވެ.