ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯންގެ މުއްދަތު މާދަމާ މެންދުރު 2:00 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފިއެވެ. ޕީއެސްއެމުން އިސްނަގައިގެން މިއަދު ފެށި މި ޓެލެތޯނަށް މިހާތަނަށް 2.3 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި، 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމުން އިސްނަގައިގެން މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޓެލެތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 1 ޖެހުމާ ހަމައަށެވެ. ނަމަވެސް، އާންމުންގެ ބޮޑު ތަރުހީބަކާއި އެކު މި ޓެލެތޯން ވަގުތީގޮތުން ހުއްޓާނުލާ މާދަމާ މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް މިވަނީ ނިންމާފައެވެ.
ޓެލެތޯންގެ ވަގުތު އިތުރުކުރުމާ ގުޅޭގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ، ޓެލެތޯންގެ ވަގުތު އިތުރުކުރެވުނީ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. ޚާއްސަކޮށް މިއަދު ރޭ ބީއެމްއެލްގެ އެޕްލިކޭޝަނަށް ކުރިމަތިވި ޓެކްނިކަލް މައްސަލައާ ގުޅިގެން ފައިސާ ޓްރާންސްފާ ކުރުމަށް ދަތިތަކެއް ކުރިމަތިވުމުން، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މި ނިންމުން ނިންމީ ކަމަށް ޔާމީން ރަޝީދު ވިދާޅުވިއެވެ.
ވަރަށް ގިނަ އިދާރާތަކުންވެސް، އިދާރާތަކުގެ މުވައްޒަފުންވެސް ބޭނުންވޭ މިކަމުގައި ޝާމިލްވާން. ރޭގަނޑު ވަގުތު އިދާރާތަކުގެ މަސައްކަތްތައް ބައްޓަންކޮށްފައި ހުރި ގޮތުން އެކަންކަން ކުރިއަށް ގެންދިޔުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމަ މާދަމާއަށް އެވަގުތު އެބޭފުޅުންނަށްވެސް ދޭން ބޭނުންވޭ. ވަރަށް ގިނަ ބޭފުޅުން އެދެމުންދާ ޓެލެތޯންގެ ވަގުތު އިތުރުކުރުމަށް. ޔާމީން ރަޝީދު
މި ޓެލެތޯންގައި ރާއްޖޭގެ 37 މީޑިއާއަކުން މިހާތަނަށް ބައިވެރިވެފައިވާއިރު، އިތުރު މީޑިއާތަކަށްވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްއިން ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. މީގެ އިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
