ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 3 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެހީ ލިބިއްޖެއެވެ. މިއީ މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާ ގުޅިގެން އެ ޤައުމު ކާރިސީ ޙާލަތަށް ވެއްޓިފައިވާތީ ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދެމުންދާ އިންސާނީ އެހީއެކެވެ.
މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާގޮތަށް އޮއްވާ މިހާރުވަނީ ގިނަބައެއްގެ އެދުމުގެ މަތިން މާދަމާ މެންދުރު 14:00 އަށް ދަންމާލާފައެވެ. މި ޓެލެތޯންގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދު މިރޭ 7:30އާ ހަމައަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ދިވެހި މީޑިއާތަކުން މި ޓެލެތޯން ކުރިއަށްގެންދަނީ، ގިނަ ބަޔަކަށް ދިމާވެފައިވާ ދަތިކަމުގައި އެހީތެރިވުމުގެ ރޫހުގައި ކަމަށް އެފަރާތްތަކުން ބުނެއެވެ.
