ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާ އަށް ހަށިވިއްކުވައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާގެ 12 ވަނަ ޓަވަރުގެ އެޕާޓުމަންޓެއް މިދޔަ ހޮނިހިރު ދުވަހުގެ ރޭ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނެކެވެ. 

ހުސައިން ސޮލާހު، 40، ކިއުބާ، ރ. ރަސްގެތީމު، ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ 40އ، ޑިލްޑޯރާ އެގަމްނަޒޮވާރާ 31އ، ޝަހުޒޮޑަހޮން ރުސްތަމޯވާ 28އ، އުމިޑަބޮނޫ ނެމަޓޯ 34އ އެވެ. 

.ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށާއި އޭގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ އެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 ޑޮލަރާއި 18،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް ދިހަ ދުވަސް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނި ދީފައެެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.