ކެއިކެއީނުން އިންތަނުން ގުޑިވެސް ނުލެވުނީއެވެ. މާ ގިނައިން ކެވުނީއެވެ. މީރު އެއްޗެއް ހުރުމުން ތަނެއް ދޮރެއް ބަލާލުމެއް ނެތި މަތިން އަރާވަރަށް ކައިލެވުނީއެވެ. އެއްވެސް ހައްދެއް ނެތި ކެވެނީއެވެ. ސުވާލަކީ އެއީ ހަމަ އެންމެ ރަނގަޅު ގޮތްބާއެވެ. ސިއްހީ ނަޒަރަކުން ބެލިކަމުގައިވާ ނަމަ ހަމަ ޔަގީނުންވެސް މާ ގިނައިން ކެއުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް އެތަކެއް ތަކުލީފުތަކެއް ކުރިމަތިވާ ކަމެކެވެ.

ދެން އޮތީ ދީނީ ނަޒަރަކުން އެކަން ބަލާލުމެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ)  رواه الترمذي ( 2380 ) وابن ماجه (3349)

މާނައަކީ: “އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރައެވެ. މައިބަދަ ސީދާކޮށްލެވޭ ވަރަށް ކެއުމުން އާދަމުގެ ދަރިޔާއަށް ފުދޭނެއެވެ. އެވަރުން ވެސް ހިތްހަމަނުޖެހި ކޮންމެހެން ކާންވެއްޖެނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި އަނެއް ތިން ބަޔަށް ދިޔާ ތަކެތި ބޯށެވެ. އަދި ނޭވާ ލުމަށް އަނެއް ތިންބައި ބަހައްޓާށެވެ.”

އެހެންކަމުން ކިތަންމެ ބަނޑުހައިވި ނަމަވެސް އެ އޮންނަ އުސޫލާއި ހުދޫދުގެ ތެރެއިން ކެއިންބުއިމުގެ ކަންކަން ކުރާށެވެ.