މިއަހަރުގެ އޮކްޓޫބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާ އިން ހާމަކޮށްފިއެވެ.

އެ ވުޒާރާ އިން ވިދާޅުވީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަ ކަމަށާއި އެގޮތުން މި ބާވަތުގެ 34 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާ ކަމަށް ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެއް ކަމަށާއި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށް ބުނެއެވެ.

މި ބާވަތުގެ 23 މައްސަލައެއް އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 17 މައްސަލައެއް ހިމެނޭކަމަށް ބުނެއެވެ. އަދި މީގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލަ ހިމެނޭކަމަށް އެ ވުޒާރާ އިން ބުނެއެވެ.

ހަމަމިއާއެކު ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 1 މައްސަލަ އަދި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 48 މައްސަލައެކެވެ.