ބ. އޭދަފުށީގެ ލޭންޑް މާކަކީ، އެ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި ހަދާފައިވާ ދެ ބުރި މިސްކިތެވެ. ހިތްގައިމު އެ މިސްކިތް ބިނާކޮށްދެއްވީ، އެ ރަށު ޑޭޒީވިލާ މުހައްމަދު އަލީއެވެ. 

އިއްޔެ އަކީ ބ. އޭދަފުއްޓަށް 'އަނދިރި' ދުވަހެކެވެ. ރަށުގެ ތަރައްގީގެ އެއް ހިދުމަތްތެރިޔާ މުހައްމަދު އަލީ، އިންޑިއާގެ ޗެންނާއީގައި އަވަހާރަވީ ބަލިވެ އުޅާތާ ދުވަސްގަނޑެއް ފަހުންނެވެ. އޭނާ ނިޔާވި އިރު 13 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

މުހައްމަދު އަލީގެ މަރުގެ ހިތާމައިގައި އާއިލާ ތިއްބައި އެ އާއިލާގެ ހިތާމަ އިތުރުކޮށްދިނީ، މުހައްމަދު އަލީ 91އގެ މަރަށް 24 ގަޑިއިރު ނުވަނީސް، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައިމިނަތު އަލީ 85އ ވެސް މި ދުނިޔެއާ ވަކިވުމުންނެވެ.

މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އައިމިނަތު މިއަދު ހެނދުނު ނިޔާވިިއިރު އޭނާ ބަލިވެ އުޅޭތާ ފަސް އަހަރު ވެއްޖެއެވެ. ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ހިނގާބިނގާވެ ނޫޅެވޭތީ، މިވީ ދުވަސްތަކުގައި އޮތީ އެނދުމަތިވެފަ އެވެ. ނަމަވެސް އޭނާއަށް ވާނުވާ އެނގެއެވެ. މީހުންނާ ވާހަކަ ދައްކައެވެ. 

."ކުއްލިއަކަށް އޭނާގެ ހާލު ގޯސްވެ، ވެއްޓުނީ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި" އޭދަފުށީ މީހަކު ބުންޏެވެ. 

އައިމިނަތު ނިޔާވިއިރު އޭނާގެ ހަތަރު ދަރިން އެބަތިއްބެވެ. 

އެނގިފައިވާ ގޮތުގައި މުހައްމަދު އަލީ އަދި އައިމިނަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އެވެ.