މިހާތަނަށް 78 ސަފާރީއަކަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މީގެ ކުރިން70 ސަފާރީއަކަށް ހުއްދަ ދީފައިވާ ކަމަށާއި އަދި އިއްޔެ އިތުރު 8 ސަފާރީއަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން އަންނަން ފަށާފައިވާ އިރު، ސަފާރީތަކަށްވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ އަންނަނީ ދެމުންނެވެ. ނަމަވެސް ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ނަގަން ޖެހޭ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.

ބޯޓިންގ އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް ފަތުރުވެރިން ގެނައިނަމަވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫއިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމް ދުރާލާ ހަމަޖެއްސުމަށްވެސް ވަނީ އިލްތިލާސް ކޮށްފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގޮތުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށަކަށްވެސް އަދި އެ ފަތުރުވެރިންނަށް އިތުރު ރިސޯޓަކަށްވެސް ނުދެވޭނެއެވެ.