މި މަހުގެ 12 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ވޭލްސް އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. މި މެޗުން ފްރާންސް މޮޅުވީ 3-0 އިންނެވެ.

ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ އަށް ކުޅުނު އެ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކު ސްކޮޑުގައި ހިމަނާފައިނުވާއިރު، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތުދިން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ނީސްގެ އެލިއާންޒް ރިވިއޭރާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 27 ވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނުމަށް ބެންޒެމާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ވޭލްސްގެ ޒުވާން ޑިފެންޑަރު ނީކޯ ވިލިއަމްސް ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު ރެފްރީ ފްރާންސަށް ދިން ޕެނަލްޓީ ބެންޒެމާ ފޮނުވާލުމުން ވޭލްސްގެ ކީޕަރު ޑެނީ ވޯޑް މަތަކުރިއެވެ.

ވޭލްސްގެ ކުޅުންތެރިއަކު މަދުވުމުގެ އެންމެ ފުރިހަމަ ފައިދާ ފްރާންސަށް ނުނެގުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރީން އެ ޓީމުން ވަނީ ލީޑްނަގާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރު ވޯޑް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މިލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މި މެޗުގައި ފްރާންސުން ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެމްބާޕޭ ޖައްސާލި ރީތި ޕާހަކުން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސަށް ކުޅެދިން 90 މެޗުގައި އޭނާ ޖެހި 36 ވަނަ ގޯލެވެ. ފްރާންސުން ޖެހި ތިންވަނަ ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބާސެލޯނާގެ ދުވެލިބާރު ވިންގާ އޮސްމާނޭ ޑެމްބެލޭ އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އިންގްލެންޑުން ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާ އަތުން 1-0 އިން މޮޅުވެފައެވެ. ޖަރުމަނުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ސްކޮޓްލެންޑްއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗު ނިމުނީ ވެސް ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

އިންގްލެންޑުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ޒުވާން ވިންގާ ބުކާޔޯ ސަކާ އެވެ. މިއީ އިންގްލެންޑްގެ ސީނިއާ ޓީމަށް އޭނާ ކުޅުނު ހަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ. މި މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު އޮސްޓްރިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އާރްބީ ލީޕްޒިގުގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އިންގްލެންޑުން މި މެޗު ކާމިޔާބުކުރިނަމަވެސް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ރޭގެ މެޗުގައި އާނޯލްޑްގެ އިތުރުން ޖެކް ގްރީލިޝް އަށް އަނިޔާވެގެން ބަދަލުކުރަންޖެހުމެވެ.

އޮސްޓްރިއާގައި ޑެންމާކާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ ފްލޯރިއަން ނެއުހައުސް ލީޑްނަގާފައިވަނިކޮށް ޑެންމާކަށް އެއްވަރުކޮށްދިނީ ބުންޑެސްލީގާގައި ލީޕްޒިގަށް ކުޅެމުން އަންނަ ފޯވާޑް ކްރިސްޓިއަން ޕޯލްސެން އެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ސްކޮޓްލެންޑް ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ޖެކް ހެންޑްރީގެ މި ގޯލުން ސްކޮޓްލެންޑް ލީޑްނެގިތާ ހަތް މިނެޓުފަހުން ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ މެމްފިސް ޑިޕާއީ އެވެ. ފަހު ހާފުގެ ކުރީކޮޅު ސްކޮޓްލެންޑުގެ ކެވިން ނިސްބެޓް ދެވަނަ ފަހަރަށް އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ޑިޕާއީ އެވެ.