ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ.
ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް ވަނީ ބުނެފައެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެއެވެ.
އަދި މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށާއި މާދަމާ ކެރީގެ އަސަރުކުރާނެކަމަށް ވެސް ބުނެއެވެ. އަދި އެއަށްފަހު 3 ދުވަހު މޫސުން ރަނގަޅުވުމަށްފަހު އާދިއްތަ ދުވަހު އަނެއްކާވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް ބުނެއެވެ.
