ކޮންމެ މީހަކީވެސް ދިމާވާ ކަމެއްގެ ސަބަބުން ތިމާގެ ސިކުނޑި ވަރުބަލިވެ، މާބޮޑަށް ފިކުރު ބޮޑުވެ، ގޮތް ހުސްވާފަދަ ހާލަތްތައް ދިމާވާނެ މީހެކެވެ. އަމިއްލަ ދިރިއުޅުމުގައާއި، ވަޒީފާގެ މާހައުލުގައި އުޅޭއިރު ދިމާވާކަމެއްގެ ސަބަބުން ތިމާ ސްޓްރެސްވެއެވެ. އެކި މީހުންނަށް ސްޓްރެސްވާން ދިމާވަނީ އެކި ހާލަތެވެ. އަދި އެކަމުން އަރައިގަތުމަށް ނުވަތަ އާންމު ހާލަތަށް އައުމަށް އެކި މީހުން ކުރަނީވެސް އެކި ކަންކަމެވެ.
އެގޮތުން ސްޓްރެސް ފިލުވައިލުމަށް އެކި އުކުޅު ބޭނުންކުރެވިދާނެކަން ކަމުގެ މާހިރުން އެކި މަންސަތަކުގައި ބަޔާންކޮށްފައި އެބަ ހުއްޓެވެ. އެ އުކުޅުތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ މެޑިޓޭޝަން އާއި ޖާނަލިންގއެވެ. މެޑިޓޭޝަންއަކީ، ނޭވާލުމާއި، ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ހިނގާލުން ކަހަލަ ކަންކަން ކޮށްގެން ސްޓްރެސް ފިލުވައިލުމެވެ. ޖާނަލިންގ އަކީ، ވިސްނުމަށް އަންނަ ކަންކަމާއި ޚިޔާލުތައް ލިޔެގެން އެކަމުން މިންޖުވުމެވެ.
މެޑިޓޭޝަން އުކުޅުތަކަށް ނަޒަރު ހިންގާލާއިރު، އިށީނދެގެން އިނުމަކީ އެއްކަންތަކެވެ. މިކަން ކުރުމަށް މީހުންގެ އުނދަގޫ ނުފޯރާ ތަނެއްގައި ހަމަޖެހިލައިގެން އިށީނދެއިނދެ، ހަމަޖެހުމުގެ ނޭވާތަކެއް ލާށެވެ. އެއްހަމައަކަށް މަޑުމަޑުން ހަމަޖެހިގެންނެވެ. އެހެން ފިކުރުތަކާ ދުރުވެ، ހަމައެކަނި ނޭވާލުމުގެ ކަންތަކަށް ސަމާލުކަންދީގެންނެވެ. ދެވަނަ ކަމަކީ، މަޑުމަޑުން ހިނގާލުމެވެ. މިކަން ކުރާއިރުވެސް، އާންމުކޮށް ހިނގާވަރަށްވުރެ ލަސްލަހުން، މަޑުމަޑުން ހިނގާއިރު ވިސްނުން ހުންނަންވާނީ ހަމައެކަނި، ހިނގުމަށެވެ. ތިންވަނަ ކަމަކީ، ބޮޑީ ސްކޭން މެޑިޓޭޝަން އެވެ. މިއީ ހަމަޖެހިލައިގެން އިނދެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ނަޒަރު ހިންގާ، އެއްވެސް ތަނެއްގައި ރިހުމެއް ނުވަތަ އާދަޔާ ޚިލާފުކަމެއް ހުރިތޯ ބަލާބެލުމެކެވެ. އޭރުން މިވަގުތު ސަމާލުކަން ހުންނާނީ ހަމައެކަނި ތިމާގެ އަމިއްލަ ހަށިގަނޑާމެދުއެވެ. އެހެން ފިކުރުތަކާ ދުރުވެ، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހޯދޭނެއެވެ.
ޖާނަލިންގ ޓެކްނިކް ނުވަތަ ލިޔުމުގެ އުކުޅުތަކަކީ ސްޓްރެސް ފިލުވައިލުމަށް ވަރަށް ގިނަ މީހުން ބޭނުންކުރާ އުކުޅެކެވެ. އެކިކަންކަމުން ސިކުނޑި ބަރާވެ، ސިކުނޑީގެ ލަގަން ދޫވެ، މީހާގެ ވިސްނުން ވަރުބަލިކޮށްލުމުން، ހިތަށް އަރާ ފައިބާ ހުރިހާ އެއްޗެއް ހަމަޖެހިގެން އިނދެ ލިޔަން ފަށާށެވެ. ލިޔާއިރު، ގޮތް ނިންމުމުގެ ބަދަލުގައި ހުރިހާ އެއްޗެއް ލިޔަންވާނެއެވެ. އޭރުން ސިކުނޑިއަށް ލުއިކަން ލިބި، މީހާ ތާޒާވެގެންދެއެވެ. ދެވަނަކަމަކީ، ތިމާއަށް ކުރެވޭ ރަނގަޅު ކަންކަމާއި، ތިމާގެ ހުރި ރަނގަޅު ސިފަތައް ލިޔާށެވެ. އަދި ރަނގަޅު ކޮށްލަންވީ ކަންކަންވެސް ވަކި ބައެއްގައި ފާހަގަ ކޮށްލާށެވެ. އޭރުން މިހާރު ތިމާ ހުރި ހިސާބާއި، ދާންވީ ހިސާބު އަދި އެކަމަށް ކުރަންވީ މަސައްކަތްވެސް ތަރުތީބު ކޮށްލެވޭނެއެވެ. ލިޔާއިރު ފަސޭހަ ކޮށްލުމަށް ސުވާލުތަކެއް ހަދާލެވިދާނެއެވެ. މިސާލަކަށް، މިއަދު އަހަރެންނަށް ކުރެވުނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ގޯސްކޮށް ކުރެވުނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ނުވަތަ ތިމާ ހާސްވާން މެދުވެރިވި ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ މިގޮތަށް ސުވާލުތަކެއް ހަދައި ލިޔުމުން، ގިނަ ކަންކަން ފާހަގަކުރެވި ވަގުތު ސަލާމަތް ކުރެވިގެންދާނެއެވެ.
މީގެ އިތުރުންވެސް ސްޓްރެސް ފިލުވައިލުމަށް ފަސޭހައިން ކޮށްލެވިދާނެ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. މިސާލަކަށް ތާކު ހަމަޖެހިލައިގެން އިނދެ ފުން ނޭވާތަކެއް ލަސްލަހުން ލުމާއި، ކަންކަމުން ވިސްނުން ވަގުތުކޮޅަކަށް ބޭރުކޮށްލާނެފަދަ ކަމެއް މިސާލަކަށް ހިނގާލުން، ޔޯގާ، ނުވަތަ ލުއި ކަސްރަތެއް ކޮށްލެވިދާނެއެވެ. މީގެ އިތުރުން ގުދުރަތީ ރީތި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީވެސް ސްޓްރެސްއިން ތިމާ މިންޖުކޮށްލަން ވަރަށް ބޮޑަށް އެހީވެދޭނެކަމެކެވެ.
