ރައްޓެއްސަކު ކޮފީއެއް ބޯން އިނދެ ދެއްކި ވާހަކައަކުން އަހަރެން ކުޑަކޮށް ވިސްނާލަން ޖެހުނެވެ. އޭނާ ލަސްލަހުން ކޮފީތަށިން ކޯވަރަކަށްފަހު ކޯވަރެއް ބޮމުން ދިޔައިރު، ދައްކަމުން ދިޔައީ އެހެން މީހެއްގެ ވާހަކައެވެ. އޭނާގެ މުއްސަނދިކަމާއި، ގެންގުޅޭ އަގުބޮޑު ތަކެއްޗާއި، އަންހެނުންނަށް ހޯދައިދޭ އަގުބޮޑު ހަދިޔާތަކާއި، ޗުއްޓީތަކުގައި ދާ ގައުމުތަކުގެ ވާހަކައާއި، ޖުމްލަ ގޮތެއް އުޅެމުން އަންނަ އަގުބޮޑު އަދި 'އުފާވެރި' ދިރިއުޅުމުގެ ވާހަކައެވެ. އެމީހާގެ ކަންކަން އަޅާ ކިޔަމުން ދިޔައީ ވާހަކަ ދައްކަމުންދިޔަ ރައްޓެހި މީހާގެ އަމިއްލަ ދިރިއުޅުމުގެ ހާލަތާމެދުއެވެ. ވަކި ހިސާބަކުން އަހަރެންނަށް "ދޯ" އެއްލުމުން އެ މައުޟޫ ތެރެއަށް އަހަރެން ކުޑަކޮށް ވަދެ، އޭނާއާ ކުރީ އެންމެ ސުވާލެކެވެ. "ތިޔަ އެކުވެރިޔާ އާއި ތިޔަ ބުނާ މީހާއަކީ ތަފާތު ދެ މީހުން ނޫން ހެއްޔެވެ؟" އެހިސާބުން އަހަރެންގެ އެކުވެރިޔާއަށް މިބުނި އެއްޗެއް މޭރުންވެ، މަޢުޟޫ ބަދަލުކޮށްލިއެވެ.
މިއީ އަހަރުމެންގެ ތެރޭގައި ވަރަށް އާންމުކަމެކެވެ. އަމިއްލަ މީހާއާއި އެހެން މީހަކާ އަޅާ ކިޔުމެވެ. ދިރިއުޅުމުގެ ހާލަތާމެދުއެވެ. ލިބޭ މުސާރައާމެދުއެވެ. ލިބިފައި ހުންނަ މުދަލާމެދުއެވެ. ކައިވެންޏާ އަނބިދަރިންނާމެދުއެވެ. ނަމަވެސް، އަހަރުމެންގެ ތެރެއިން ގިނަ މީހުން ހަނދާނުގައި ނުހުންނަ ކަމަކީ، ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމެވެ. އެކި މީހުންނަށް ދިމާވާނީ އެކި ހާލަތުކަމެވެ. މުދަލާއި ފައިސާއަކީ އެންމެންނަށް ހަމަހަމައަށް ލިބޭނޭ އެއްޗެއް ނޫންކަމެވެ.
ފުރަތަމަކަމަކަށް، އަޅާ ކިޔައިގެން އަމިއްލަ ނަފުސުގެ އަގު ތިޔަ ވައްޓާލަނީ ހަމަ އަމިއްލައަށެވެ. ތިމާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތިމާ ކުރަންޖެހޭ މަސައްކަތް ފަސްޖެހޭ ގޮތް މެދުވެރިވަނީ ގިނަފަހަރު އެހެން މީހުންގެ ދިރިއުޅުން ބަލައި އަޅާ ކިޔުމުގެ ސަބަބުންނެވެ. ދެން އުފެދެނީ އެހެން ކަމެކެވެ. ހަސަދައެވެ. ހަސަދަވެރިކަން އުފެދިއްޖެނަމަ، ތިމާގެ ދިރިއުޅުން ކުރީގެ ހާލަތަށްވުރެ ގޯސް ހާލަތަށް އަނބުރާލައެވެ. އުފަލުގައި އުޅޭ މީހެއްގެ ދިރިއުޅުން ހަލާކުކޮށްލުމުގެ ވިސްނުން އައިސް، ތިމާގެ އަސްލު ސިފަ ގެއްލުވާލައެވެ. ކުރެވޭ އެންމެ ކަމަކުން، ބުނެވޭ އެންމެ ބަހަކުން ގުޅުންތަކެއް ކެނޑި ތިމާ ބާކީވެސްވެދާނެއެވެ.
މިކަމުގައިވެސް އަހަރުމެން ހިފަންވީ އަހަރުމެންގެ އިސްލާމްދީން ދައްކާ ރިވެތި ސިފަތަކުގައެވެ. ތިމާއަށް ހެޔޮ އެދޭ ފަދައިން އެހެން މީހުންނަށްވެސް ހެޔޮ އެދެންވީއެވެ. އަބަދުވެސް ސާފު ހިތަކައިގެން ދިރިއުޅެންވީއެވެ. ނަފްރަތާއި ހަސަދައާއި ރުޅިވެރިކަމަކީ ތިމާ ނެތިކޮށްލާ ކަންތަކެއްކަން އަހަރުމެންގެ ނަބިއްޔާވަނީ އިރުޝާދު ދެއްވާފައެވެ. ދެން އޮތީ ގަޟާ ޤަދަރެވެ. ތިމާ ދުނިޔެއަށް އަންނައިރު، ތިމާއަށް ލިބޭނޭ ހުރިހާ އެއްޗަކާއި ވާނޭ ގޮތެއްވަނީ ލިޔެ ނިމިފައެވެ. އެހެންކަމުން، މީހަކަށް ރަނގަޅެއް ލިބުމުން އެކަމާ ހަސަދަލައިގެން ދުނިޔޭގެ މި ވަގުތީ ދިރިއުޅުމުގެ ކުޑަކުޑަ ވަގުތުކޮޅު ބޭކާރު ކޮށްލައިފިނަމަ، ދުނިޔެވެސް ގެއްލުނީއެވެ. އާޚިރަތްވެސް ގެއްލުނީއެވެ.
