ގުޅިފައިވާ އާ ސަރުކާރެއް އެކުލަވާލުމަށް، އިސްރާއީލުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިއާއެކު، ބެންޖަމީން ނަތަންޔާހޫގެ 12 އަހަރުވީ ބޮޑުވަޒީރު ކަމުގެ ލަގަބުގައި މިވަނީ ނިމުމަކަށް އައިސްފައެވެ.

ޔެޝް އެތީޑް ޕާޓީގެ ލީޑަރު ޔެއީރު ލެޕީޑް ވަނީ، 8 ފެކްޝަން އެކުލެވޭ ކޯލިޝަނެއް އެކުލަވާލާފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ. ކޯލިޝަން އެއްބަސްވުން ބުނާ ގޮތުގައި، އިއްތިހާދީ ސަރުކާރުގައި ފުރަތަމަ ބޮޑުވަޒީރު ކަން ކުރާނީ ކަނާތު ފިޔައިގެ ޔަމީނާ ޕާޓީގެ ލީޑަރު، ނަފްތާލީ ބެނެޓްއެވެ. އޭގެ ފަހުން ލެޕީޑްއެވެ.

އިސްރާއީލުގައި އެކުލަވާލި އިއްތިހާދީ ސަރުކާރުން ވަނީ ލެޕީޑްއާއި ބެނެޓްގެ އިތުރުން އަރަބި އިސްލާމީ ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް، އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އިސްރާއީލުގެ ޔަހޫދީ ފެކްޝަނާއި އަރަބި އިސްލާމީ ފެކްޝަނުން އެއްގަލަކަށް އެރުމަކީ ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އައްބާސް ވިދާޅުވީ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، މިކަމުގައި ގިނަ ދެބަސްވުންތަކެއްވެސް ހޭދަވި ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ހިސާބަށް އައުމަކީ މުހިންމު ކަމެއް ކަމަށާ، މި އެއްބަސްވުމުގައި، އިސްރާއީލުގެ އަރަބި މުޖުތަމައަށް ބޮޑެތި ފައިދާތަކެއް އެކުލެވިގެން ވާ ކަމަށެވެ.

ކަން މިހެން ހުރި ނަމަވެސް، އިސްރާއީލުގެ އާ ސަރުކާރަށް ހުވާ ކުރެވެން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އިޒްރޭލުގެ ރައީސް ރިއުވެން ރިވްލިން ވަނީ، އިއްތިހާދީ އާ ސަރުކާރުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ބައްދަލުވުމަކަށް ގޮވާލާފައެވެ.

ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމުގައި 4 ފަހަރެއްގެ މަތިން އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔަ ނަމަވެސް، ސަރުކާރެއް އެކުލަވާލެވޭ ފަދަ އަގުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ހޯދިފައެއް ނުވެއެވެ. އެންމެ ފަހުން މާޗް މަހު އޮތް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކަމުގައި ވީ ނަމަވެސް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ވަނީ ފެއިލްވެފައެވެ.

އެގައުމުގައި އެކުލަވާލި އިއްތިހާދީ އާ ސަރުކާރަކީ، މި ގަރުނުގެ އެންމެ ބޮޑު އޮޅުވާލުން ކަމަށް ނަތަންޔާހޫ ދަނީ ސިފަކުރަމުންނެވެ. އަދި މި ސަރުކާރަކީ އިސްރާއީލުގެ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށްވެސް ނަތަންޔާހޫ ސިފަކުރައްވައެވެ.