މިއަދަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަސް އަހަރުމެންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްޓަކައި ފާހަގަކުރަން ފަށާފައިވަނީ 1992 ވަނަ އަހަރު ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ގެ ޖެނެރަލް އެސެމްބްލީގައެވެ. ފުރަތަމަ އެދުވަސް ފާހަގަކުރަމުން އައިސްފައިވަނީ 'އިންޓަނޭޝަނަލް ޑޭ އޮފް ޑިސެބްލްޑް ޕާރސަންސްޑޭ' ގެ ނަމުގައި ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން 'އިންޓަނޭޝަނަލް ޑޭ އޮފް ޕާރސަންސް ވިތު ޑިސެބިލިޓީސް' ގެ ނަމަށް ބަދަލުކުރެވުނެވެ.
މިދުވަސް މިއަހަރު ފާހަގަކުރާއިރު ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 'ފޮސްޓަރިން ޑިސެބިލިޓީ - އިންކްލޫސިވް ސޮސައިޓީސް ފޯ ސޯސިއަލް ޕްރޮގްރެސް' ނުވަތަ 'ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކުރިއެރުވުމާއި ބައިވެރިކުރުވުމާއެކު އިޖުތިމާއީ ކުރިއެރުން ހާސިލުކުރުމެވެ'.
އ.ދ ގެ ރަސްމީ ވެބްސައިޓް ބުނާގޮތުން، ދުނިޔޭގެ އާބާދީގެ 1 ބިލިއަން މީހުންނަކީ ކޮންމެވެސް ގޮތަކުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. އަދި މި އަދަދަކީ މިކަމަށް މީހުން ހޭލުންތެރިކޮށް އެންމެން ގުޅިގެން އެފަދަ ފަރާތްތައް ޝާމިލުކޮށްގެން ކަންކަން ކުރަންޖެހޭ ކަމުގެ ނިޝާނެއްކަމަށާއި، ނަމަވެސް ހިތާމައަކީ މިއަދުވެސް މިފަދަ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ޒަރޫރީ ބޭނުންތަކަށްވެސް ހުރަސްތަކެއް އެޅިފައިވާކަމަށް އ.ދ ގެ ވެބްސައިޓްގައިވާ ރިޕޯޓެއްގައި ލިޔެފައިވެއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ބަޔަކު ތަޢުލީމު ހޯދުމާއި، ޞިއްޙީ ޚިދުމަތް ހޯދުމާއި، ވަޒީފާ ހޯދުމާއި ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމުގައި ބޮޑެތި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.
މިދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން އަންނައިރު، ރާއްޖޭގައިވެސް މިފަދަ ކުދިންނާއި މީހުން އެބަ ދިރިއުޅެއެވެ. ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުން އަންނައިރު، ތަޢުލީމު ފޯރުކޮށްދިނުމުގައާއި ދަތުރުފަތުރުކުރުމުގައާއި، ޞިއްޙީ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއްވަނީ ފަހިކޮށްދީފައެވެ. އަދި މީގެ އިތުރުން އެފަދަ ފަރާތްތަކުގެ އާއިލާތަކަށް މާލީގޮތުން ލުއިކަމެއް ދިނުމުގެ ގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއްވެސް ސަރުކާރުން އަންނަނީ ދެމުންނެވެ.
ނަމަވެސް، މި ދިވެހި މުޖުތަމަޢުގައިވެސް ކަންބޮޑުވާންޖެހޭ ކަންކަން އެބަ ހުއްޓެވެ. އާންމުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ދެކޭ ގޮތް މުޅިން ބަދަލުނުވާކަމީ ހަގީގަތެކެވެ. އެކުދިން މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިކުރުވުމާއި، މުޢާމަލާތު ކުރާއިރު ކުޑައިމީސްވާނެހެން ވާހަކަ ދެއްކުމާއި، މުޖުތަމަޢުއިން އެކަހެރިކޮށްލުމާއި، ތަފާތު އަނިޔާތަކާއި އުނދަގޫތައް ކުރުމާއި، ޖިންސީ އަދި ނަފްސާނީ ފުރައްސާރަކުރުމަކީ މިމުޖުތަމަޢުއިން މަދުން ނަމަވެސް ފެންނަ ކަންބޮޑުވާންޖެހޭ މައްސަލަތަކެކެވެ.
ދުވަހާގުޅޭ ޝިޔާރާ އެއްގޮތަށް، އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލުތަކެއް އަންނަންޖެހެއެވެ. މިހާރަށްވުރެ ބޮޑަށް މީހުން މިކަމުގައި ހޭލުންތެރިކަން އިތުރުކޮށް، އެފަދަ ފަރާތްތަކަށް ލިބެމުން އަންނަ އަނިޔާތައް ހުއްޓުވައި، މުޖުތަމަޢުއަކީ ރައްކާތެރި އަދި އަމާންތަނެއްގެ ގޮތުގައި ހަދަންޖެހެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކި ގޯނާ ކުރާ މީހުންނަށް ދެވޭ އަދަބު ހަރުކަށިކޮށް އެކަން ތަންފީޒުކުރަންޖެހެއެވެ. ސިޔާސަތު ކަނޑައެޅުމާއި، ތަންފީޒުކުރުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން އިތުރުކޮށް ފުރުޞަތު ފަހިކޮށްދޭންޖެހެއެވެ. އެއްބައެއްގެ ގޮތުގައި ގައުމުގެ ތަރައްގީގެ ދުވެލީގައި ހަލުވިކަމާއެކު ފައްސިޔަލުގައި ދަތުރުކުރެވޭނީ އޭރުންނެވެ.
