މިސްރުގެ ލެބޯޓަރީއެއްގައި ނަގުލަންދާށީގެ ވިހައިން ބޭސް އުފެއްދޭތޯ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. މި ދިރާސާގައި ބޭނުން ކުރަނީ މިސްރުގެ ހުޅަނގުގެ ހަނަފަސް ސަހަރާތަކުގައި ދިރިއުޅޭ ނަގުލަންދާށިތަކުގެ ވިހަތަކެވެ. މި މަސައްކަތުގައި އިސްކޮށް އުޅެނީ އަހްމަދު އަބޫ އަލް ސިއޫދު އެވެ.
އޭނާ އަކީ މީގެ ކުރިން ތެޔޮކާރުހާނާ އެއްގައި މެކޭނިކަލް އިންޖިނޭރެއްގެ މަސައްކަތުގައި އުޅުނު މީހެކެވެ. އެ މަސައްކަތުގައި ވިހި އަހަރު ހޭދަ ކުރުމަށްފަހު 2018 ވަނަ އަހަރު އޭނާ ފެށި މި ދިރާސާ އަދިވެސް ދަނީ ކުރިއަށެވެ.
ސިއޫދު ބުނާގޮތުގައި އޭނާ މިކަމަށް ޝައުގުވެރިވީ އޭނާއަށް ފެނި އިނގިފައިވާ ހަބަރަކުން ކަމަށެވެ. އެއީ ނަގުލަންދާށީގެ ވިހަ އަކީ ދުނިޔޭގެ ބައެއް ބާޒާރުތަކުގައި ވަރަށް އަގުބޮޑުކޮށް ވިކޭ ވަރަށް ބާރުގަދަ ވިހައެކެވެ. އެހެންކަމުން އެކަމުގެ ޖާއިޒް ފައިދާއެއް ނެގުމުގެ ގޮތުން މި ހިޔާލު އުފެދި ތަރައްގީވިއެވެ. ހަމަ އެއާއި އެކު އޭނާ ބުނެފައިވަނީ ސަހަރާގައި ގިނަ އަދަދަކަށް ނަގުލަންދާށި އުޅޭއިރު އޭގެން ކޮންމެވެސް ފައިދާހުރި ބޭނުމެއް ހިފިދާނެކަމަށެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުގައިވެސް މިކަމާއި ބެހޭ ބައެއް ދިރާސާތައް މިހާރު ކުރިއަށް ދެއެވެ. ޝާއިއުކޮށްފައިވާ ބައެއް "ބަޔޯމެޑިކަލް" މަޖައްލާތަކުގައި ނަގުލަންދާށީގެ ވިހައިން ބޭސް ހެދިދާނެކަމަށް ވަނީ ބުނެފައެވެ. މިހާރުވެސް ހޯދިފައިވާ ބައެއް ހޯދުންތަކުން އެ ވިހައިގައި "އެންޓި މައިކްރޯބިއަލް އެގެންޓްސް" އަދި "އެންޓި ކެންސަރަސް އެޖެންޓްސް" ވަނީ ފެނިފައެވެ. ސައިންސުވެރިންގެ އުންމީދަކީ މުސްތަގުބަލުގައި މި ސޫފީގެ ވިހައިން ބޭސް ހެދި ބޭނުން ކުރެވިގެންދާނެއެވެ.
