މީގެ ގާތްގަނޑަކަށް ހަތްދިހަ އަހަރު ކުރިން، ދިވެހިން އުޅެމުން އައީ ނުލާހިކު ޖަޒީރާ ދިރިއުޅުމެކެވެ. ދަނޑިފަނުގެ ގެތަކުގައި ގަސްބޯ ރަށްތަކެއްގައެވެ. ގޮނޑުދޮށާއި އަތިރިމަތިތަކަށް ފަރިތަ ދިރިއުޅުމެއްގައެވެ. އާދޭހެވެ! ދިރިއުޅުމުގައި މާބޮޑު ހޫނުކަމެއް ނެތް، ހަމަޖެހޭ ފިނި ދިރިއުޅުމެކެވެ. ފާއިތުވި ގާތްގަނޑަކަަށް ފަންސާސް އަހަރަކީ ބަވަނަވެފައިވާ ދުނިޔޭގެ ނުފޫޒާ ބާރު ރާއްޖެއަށް ނުހަނު ގަދައަށް ކުރަމުން ދިޔަ އަހަރުތަކެކެވެ. މިދުވަސްވަރު ދުނިޔެ ހޫނުވުމާއި ތިމާވެށީގެ ބޮޑެތި ބަދަލުތަކެއްގެ ވާހަކަ، ފަރަންޖީ ދައްކާތީ ދިވެހިންވެސް ދިޔައީ ދައްކަމުންނެވެ. އެކަމަކު ނިކަން ދެކިބަލާށެވެ! ދިވެހިން ހާދަހާވާ މޮޔައެވެ!

ދުނިޔެ ހޫނުވުމުގެ ޝަކުވާ ދިންވެހިންނަކަށް ނުކުރެވޭނެއެވެ. ހަގީގަތުގައި ހޫނުވަމުން ދަނީ ދުނިޔެ ކަމެއް، ދިވެހިންގެ ދުނިޔެ ކަމެއް ނޭނގެއެވެ. ފަހަރުގައި ދުނިޔެވެސް ހޫނުވަނީ ކަމަށް ވެދާނެއެވެ. އެކަމަކު ދުނިޔެ ހޫނުވާ ވާހަކަ ދައްކަމުން، ރަށްތަކުގައި ހެއްދެވިހާ ގަހެއް ކަނޑާނީ ބުއްދި ހަމަ ނުޖެހޭތީ ނޫން ހެއްޔެވެ؟ ދެން ނިކަން ދެކިބަލާށެވެ! ދަނޑިފަނުގެ ގެތަކަކީ ފިނި ގެތަކެކެވެ. ބިތުންނާއި ބިމުންނާއި ފުރާޅުންވެސް ވުން އޮތީ ފިންޏެވެ! އެކަމަކު އެ ގެތަށް ޒަމާނަށް ނުފެތޭތީ ތެޅިގަލުގެ ގެތަކަށް ބަދަލު ކުރީއެވެ.

ދިވެހި ކަނޑުފަޅުން (ތޮަށިތަކުން) ނަގާ ގަލުންނާއި މުރަކައިން ދަވާ އުވައިން ގެތައް އިމާރާތް ކުރަން ފެށިތާ ވާނީ ގާތްގަނޑަކަށް ފަސްދޮޅަކަށް އަހަރެވެ. މި ތެޅިގަލުގެ ގެތަކަށް ބަލާލަމާ ހިނގާށެވެ. މިއީވެސް އޭގެ ޠަބީއަތުން ފިނި ގެތަކެކެވެ. ސަބަބަކީ ގުދުރަތީ ގައުތަކަކީ އޭގެ ތެރެއިން ވައި ދައުރުކުރެވޭ ތަކެއްޗެވެ. އޭގައި ހުންނަ ކުދިކުދި ވިދުތަކުން ފުރޭނި، ފިންޏާއި ވައި ދައުރުކުރެއެވެ. އީޓު ފުރާޅުތަކަކީ އޭގެ ތެރެއިން ވަޔާއި ފިނި ދައުރުކޮށް، ގެތަކުގެ ތެރޭގައި ފިނި ފިހަހެއްޓުމަށް އެހީތެރިވެދޭ އެއްޗެހި ތަކެކެވެ. ތެޅިގަލުގެ ފާރުތަކުގައި އުވަ ޖަހާފައި ހުއްޓެއްކަމަކު، އުވަ އަކީވެސް އޭގެ ތެރެއިން ފިންޏާއި ވައި ދައުރުވާ އެއްޗެކެވެ. ތެޅިގަލުގެ ގެތަކުގައި ކަނޑާފައި ހުންނަ އާނގިތަކާއި ހަދާފައި ހުންނަ ޖާލިތައް އަމުދުން ހުންނަނީ ވައި ދައުރުވާ ގޮތަށް ފަރުމާކޮށްފައެވެ. މިގޮތަށް ކޮށްފައި ހުންނަ ފަރުމާތަކުގެ ސަބަބުން އަބަދުވެސް ފިނި ވައި ގެތަކުގެ ތެރޭގައި ހިފެހެއްޓިފައި ހުރެއެވެ.

ޒަމާން ހުރެގެން ބަދަލުވަމުންގޮސް، ސިމެންތިއާއި އެޅިގަލާއި ހިލަޔާއި ހިލަވެލީގެ ކޮންކުރީޓު ގެތަކަށް އަހަރެމެންގެ ގެތަށް ބަދަލުކޮށްފިއެވެ. ކޮންކުރީޓަކީ އޭގައި ހިސާބަކަށް ހޫނު ހިފަހައްޓާ އެއްޗެކެވެ. އަދި އެއީ އޭގެ ތެރެއިން ފިންޏާއި ވައި ދައުރުކުރާ އެއްޗެއް ނޫނެވެ. އަދުގެ ގިނަ ގޭގޭގެ ތިރީގައްޔާއި މަތީގައްޔާއި ބިތްބިތުގައިވެސް ހުންނަނީ ކޮންކުރީޓެވެ. ދެން ނިކަން ވިސްނާލަ ބަލާށެވެ. މިފަދަ ގެތަކަކީ ސިފަކުރުމުގައި އަވަނެއް ނޫންތޯއެވެ؟

އާދޭހެވެ! ޝަކުވާ ކުރެވިދާނެއެވެ. ދުނިޔެ ހޫނުވަނިއްޔޯލައެވެ! ހަމަ ހަގީގަތުގައިވެސް ހޫނުވަނީޔޯލައެވެ! އެކަމަކު އަހަރެމެންނަށް އެކަމެއް އިހުސާސްވާހެނެއް ހިޔެއް ނުވެއެވެ. ވިސްނާލަބަލާށެވެ! ދަނޑިފަނުގެ ގެތަށް ދޫކޮށް ތެޅިގަލުގެ ގެތަކަށް ބަދަލުވީ ދުނިޔެ މާ ފިނިތަކަށް ވާތީ ހެއްޔެވެ؟ ތެޅިގަލުގެ ގެތައް ތަޅާ ސުންނާފަތިކޮށް ކޮންކުރީޓުތަކެއްގެ ތެރެއަށް ބޯ މަހާލީ ކާކު ބުނެގެން ހެއްޔެވެ؟ ދުނިޔެ ހޫނުވާތީ އިތުރަށް ހޫނުވާން ހެއްޔެވެ؟ ނޫނީ ހޫނުކަމުގެ އިހުސާސެއް ހޯދަން ހެއްޔެވެ؟ ވެދާނެއެވެ. ގެދޮރު ވަރުގަދަކޮށް އިމާރާތްތައް މެދުއުޑަށް އުފުލާން ވެގެންނެވެ. އެކަމަކު ދުނިޔެ ވަނީ ހޫނެވެ. ގެދޮރު އަޅަން ބޮޑެތިވިހާ ގަސްތައް ކަނޑާ، ގަސް ބޯ ރަށްރަށް ހަނަފަސް ސަހަރާތަކަކަށް ހަދައިފިއެވެ. ފިނިކޮށްދޭން އޮތް މާސިންގާ ކަނޑުގައި އިތުރަށް ފިނިކަން ގަދަކޮށްދޭ ތިލަ ފަޅުތަކަށް ވެލި އަޅާ ހިއްކާ އެތަންތަން ވެސް ހަނަފަސް ކޮށްފިއެވެ. ދުނިޔެ ވަނީ އެކަމަކު ހޫނެެވެ.

ހޫނުވާނަމަ، ހޫނު ނުވާނެހާ ގޮތެއް ހަދަން ވާނެ ނޫން ހެއްޔެވެ؟ ހޫނުވަނީ އޭ ކިޔަމުންގޮސް ކުރަނީ ހައްތަހާ ހޫނެވެ؟ މިފަދަ ބަޔަކަށް މޮޔައިންނޭ ކިޔަސް، ކުށަކަށް ނުވާނެ ނޫންހެއްޔެވެ؟ ފިނިކަމުގެ މަގު ދިވެހިން ދޫކޮށްލީ އަމިއްލައަށެވެ. ހޫނުކަމުގެ މަގު އިހްތިޔާރުކުރީވެސް އަމިއްލަ އަށެވެ. ތަރައްގީގެ ނަމުގައެވެ. ތަރައްގީ ވެވިއްޖެ ނޫންހެއްޔެވެ؟ މި އައި ތަރައްގީއާއި އެކު ދުނިޔެ ކީއްކުރަން ރާއްޖެވެސް ހޫނުވެއްޖެއެވެ. އަހަރެމެން ހޫނުވެއްޖެއެވެ. ސިކުނޑި ކެކެނީ އެތައް ގޮތަކުން ވާ އެތައް ބައިވަރު ހޫނެއްގެ ސަބަބުންނެވެ. ކަންމިހެން ހުރުމާއި އެކު އުފެދޭ ސުވާލަކީ ހޫނުވަނީ ދުނިޔެ ހެއްޔެވެ؟ ނޫނީ އަހަރެމެންގެ ދުނިޔެ ހެއްޔެވެ؟