އިންޓަ މިލާންގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ލާޒިއޯގެ ކުރީގެ ކޯޗު ސިމޯނީ އިންޒާގީ ހަމަޖައްސައިފިއެވެ.
ކުރިން ޔުވެންޓަސް އާއި އޭސީ މިލާނަށް ކުޅުނު އިޓަލީގެ މަޝްހޫރު ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ ސިމޯނީ އިންޒާގީ އިންޓައާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
އުމުރުން 45 އަހަރުގެ އިންޒާގީ، އިންޓަގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ، 11 އަހަރަށް ފަހު އެ ޓީމަށް އިޓާލިއަން ސެރިއޭ ކާމިޔާބުކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމުދޫކޮށްލުމުންނެވެ.
ކޮންޓޭ، އިންޓަ ދޫކޮށްލީ އެ ކްލަބުން ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމުން އެކަމާ މެނޭޖްމަންޓާ ދެމެދު އޮތް ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ. އަދި ކޮންޓޭ، އިންޓަ ދޫކޮށްލީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ކޮންޓްރެކްޓް އުވާލުމަށްފަހު އެވެ.
އިންޒާގީ ވަނީ ލާޒިއޯ އާއެކު ހޭދަކުރި ފަސް ސީޒަނުގައި އިޓާލިއަން ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ޓީމުން އެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
