މިކަން ފެށުނީ ކޮން ޒަމާނެއްގައިކަމެއް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ، ދިވެހިންނަށް ކުކުޅާ ނުލައި ހުކުރެއް ފުރިހަމަނުވާކަމެވެ. ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުގެ ސުފުރާއިން ކުކުޅު ނެތްނަމަ، އެދުވަސް ފުރިހަމަ ހުކުރަކަށް ނުވާވަރަށް އަހަރުމެން ދިވެހިން މިވަނީ މިދުވަހު ކުކުޅުގެ އަވައިގައި ޖެހިފައެވެ. ކުކުޅު ރިހައާއި، ކުކުޅު މުސަންމާއާއި، ފިހުނުކުކުޅާއި، މިހެންގޮސް އެކި ޒާތްޒާތުގެ ކޮއްތު އެދުވަހު ފިރިހެންވެރިން ހުކުރުން ފައިބައިގެން އަންނަންވާއިރަށް ތައްޔާރުކޮށްފައި ހުރެއެވެ. ހުންނާންޖެހެއެވެ. ނެތިއްޔާ މިއަދު ހުކުރުދުވަސް ހެއްޔޭވެސް ސުވާލުކޮށްލަންޖެހެއެވެ.

ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ހެނދުނު ފިހާރަތަކަށް މީހުން ގިނަވެއެވެ. ގިނަވާނީ ހުކުރުދުވަހު މެންދުރުގެ ކޮއްތަށް ސާމާނު ގަތުމަށް ގޮސްއުޅޭ މީހުންނެވެ. ބައެއް މީހުން ހުކުރަށް ފިހާރަ ބަންދުކުރާ ވަގުތު ގާތްވާ ވަރަކަށް މިސާމާނު ހަމަކުރުމަށް ފިހާރަތަކަށް ދުވަން އުޅޭ މަންޒަރު ފެންނާނެއެވެ. ފިރިހެންވެރިން މިކަން ނުކޮށްފިއްޔާ އަންހެންވެރިންވެސް ފިހާރަތަކަށް ދުވެގެންނަމަވެސް، އެ ސާމާނު ހަމަކޮށްގެން ފިސާރި ރަނގަޅަކަށް މެންދުރުގެ ކެއުން ތައްޔާރުކޮށްލާނެއެވެ.

ކުޑަކޮށް ވިސްނާލިއިރު، ހުކުރު ދުވަހަށް ކުކުޅު މި ޚާއްޞަވަނީ ދުވަހުގެ ގޮތުންނެވެ. ހުކުރު ދުވަހަކީ، ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް އަހަރުމެން މުސްލިމުންނަށް އެންމެ މާތް ދުވަހެވެ. ހަފްތާއަކު އެއްފަހަރު އަންނަ ޢީދު ދުވަހެވެ. ހެނދުނު ހޭލައިގެން ގޭތެރެ ސާފުކުރުމާއި، އަވަދިނެތި އުޅުމުގެ ސަބަބުން ހަފްތާ ތެރޭގައި ނުކުރެވި ހުރި ކަންކަން ކޮށްލުމަށްފަހު، އަތުގައި އޮންނަ އެންމެ ނަލަ ހެދުން ލައިގެން ހުވަނދު ވަށައިގެން ޚުތުބާ ފެށުމުގެ ކުރިން މިސްކިތަށް އަރައި، ކަހަފް ސޫރަތް ކިޔަވައި، ޚުތުބާ އަޑުއަހައި، އެންމެ މީރު ކާއެއްޗެއް ތައްޔާރުކޮށް މެންދުރު އެންމެން އެއް މޭޒަކުން ކައިބޮއި އުޅުމަކީ، ވަރަށް ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮންނަ ރީތި އާދައެކެވެ. 

އިހުގައި ރަށުގައި ގެންގުޅޭ ކުކުޅު ކަތިލައިގެން މިކަން ކުރިޔަސް މިހާރު އެކަންވެސްވަނީ މުޅިން ބަދަލުވެފައެވެ. ފިހާރައަކަށް ގޮސް ބޭނުން ސައިޒަކަށް ކޮށާލައިގެން އައިސް ކުކުޅު ފަސޭހައިން ހަދާލެވޭވަރަށް ކަންކަން މިވަނީ ތަރުތީބުވެފައެވެ. އެހެން ބޮޑު ކޮއްތެއް ނުވަތަ ޚާއްސަ ކެއުމެއް ތައްޔާރުކުރާނަމަ ޚަރަދު ބޮޑުވެފައި، ކުކުޅެއް ތައްޔާރުކޮށްލަން ކުރަންޖެހޭ މަސައްކަތް ލުއިވުމާއި، ޖީބަށް ލުއިވުމަކީވެސް ސަބަބެކެވެ. އަދި އެންމެންނަށްވެސް ކެވޭ ޒާތުގެ ކޮއްތު ހަދާލެވުމަކީވެސް މިކަމުގެ ސިއްރެކެވެ.

"ހުކުރެއްނު. ކުކުޅު އެ މަޖުބޫރު މާއްދާއެއް. ކުކުޅުގެ ކޮންމެވެސް ކާއެއްޗެއް ނުހަދައިފިއްޔާ ހުކުރަކަށް ނުވާނެ" މިއީ މި މަޒުމޫނު ލިޔުމަށް ރައްޓެއްސެއް ގާތު މިކަމާ ގުޅިގެން އަހާލުމުން ދިން ޖަވާބެވެ. ސާދާ ޖަވާބެކެވެ. ނަމަވެސް މާނަފުން ޖަވާބެއްވެސްމެއެވެ. ހުކުރު ވިއްޔާ ކުކުޅު ހުންނަން ޖެހޭނެކަމާއި، އެކަމުގައި ދިވެހިން ބަނދެވިފައި ހުރިވަރު މިކަމުން އެކަނިވެސް އެބަ ދޭހަވެއެވެ.

ހުކުރަށް ދިޔުމަށް ހިނގާލާފައި ނުވަތަ އުޅަނދެއްގައިވެސް މިސްކިތާ ދިމާލަށް ދާއިރު، ނުވަތަ ހުކުރުކޮށްގެން ގެއަށް އަންނަ މަގުމަތީގައިވެސް ނޯށުގައި ޖެހޭނީ ކުކުޅު ހަވާދުވަހެވެ. ކުކުޅު ފިހެވޭ ވަހެވެ. ބައެއް މީހުން ހުކުރުގައި ތިބޭއިރުވެސް މި ވިސްނުން ހުންނަކަމަށް ކޮފީތަކުގައި ދެކެވޭ ވާހަކަތަކުން އެނގެއެވެ. ބުނާނެ ވާހަކައެއްނެތެވެ. ހުކުރަށް ކުކުޅު ހުއްޓަސް، ކޮންމެ އެއްޗެއް ހުއްޓަސް، ކުކުޅާ ހުރެ ހުކުރު ގެއްލޭވަރު އަނެއްކާ ނުކުރައްޗެވެ.