މެލަނޯމާއަކީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަވެފައިވާއިރު، މިކަމުގެ ސަބަބުން ސިއްހީ ދާއިރާގެ މާހިރުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް، ބައެއް ސަރަހައްދުތަކުން މި ބަލީގެ ޝިކާރައަކަަށްވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާކަން ހާމަވެފައިވުމަކީ، މިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭކަމުގެ ހެއްކެކެވެ.

މިގޮތުން، ޕެން ސްޓޭޓްގެ ސައިންސްވެރިން ވަނީ މެލަނޯމާގެ އަދަދުތައް ހައިރާންކުރުވަނިވި ގޮތަކަށް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެމީހުން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ޕެންސިލްވޭނިޔާގެ އެތައް ހިސާބުތަކެއްގައި މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހިސާބުތަކުގެ ޚާއްސަ ސިފައަކީ، އެ ސަރަހައްދުތަކަކީ ދަނޑުވެރިކަން ގިނައިން ކުރާ އަދި ގަސްކާނާ (ހަރބިސައިޑް) ބޭނުންކުރުން އާންމު ހިސާބުތަކެއްކަމެވެ. މި ދިރާސާއިން ދައްކާފައިވާ ގޮތުގައި، ދަނޑުވެރިކަމުގެ ބޭނުންތަކަށް ބޭނުންކުރާ ކެމިކަލްތަކާއި، ގަސްކާނާގެ ބޭނުން ގިނަވުމަކީ މި ބަލި އިތުރުވުމަށް ނުފޫޒު ފޯރުވާ ކަމެއް ކަމަށް ވެދާނެއެވެ.

މި ހޯދުންތަކުގެ ސަބަބުން، ތިމާވެށީގެ ވަސީލަތްތަކާއި، ކެމިކަލްތަކުގެ ބޭނުންތަކުން އިންސާނުންގެ ސިއްހަތަށް ކުރާ އަސަރުތަކާމެދު އިތުރަށް ސުވާލު އުފެދިގެންދެއެވެ. ޚާއްސަކޮށް، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް، މިފަދަ ކެމިކަލްތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާމެދު ތަފްސީލީ ދިރާސާތައް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަވެފައެވެ. މެލަނޯމާއަކީ ގިނައިން އިރުގެ އަލިކަމަށް ހުށަހެޅުމުން ސަބަބުން ޖެހޭ ބައްޔެއްކަމަށް ކުރިން ބެލެވުނު ނަމަވެސް، މިފަދަ ދިރާސާތަކުން ދައްކަނީ އެހެން ކަންކަމުގެ ސަބަބުން ވެސް މި ބަލި އިތުރުވެދާނެކަމެވެ.

ވުމާއެކު، މެލަނޯމާގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުންދާކަން އެނގުމުން، މިއީ ހަމައެކަނި ސައިންސްވެރިންނާއި ސިއްހީ މާހިރުންގެ ކަންބޮޑުވުމެއް ނޫންކަން ހާމަވެއެވެ. އާންމުންގެ މެދުގައި މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ކެމިކަލްތަކުގެ ބޭނުން ކުޑަކޮށް، ތިމާވެއްޓަށް ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ދިރާސާތައް އިތުރަށް ހެދުމަށް ބާރުއެޅުމަކީ މުސްތަގުބަލުގައި މި ބައްޔަށް ހައްލެއް ހޯދުމަށް މަގުފަހިވާނެ ކަމެކެވެ. އެހެނީ ދަނޑުވެރިކަމަކީ މިއަދު މިފަދަ ކެމިކަލްތަކާ ލައިގެން ނޫނީ ނުކުރެވޭ ކަމަކަށް މި ވަނީ ވެފައެވެ. އަދި މިއީ އަހަރެމެން ކައިބޮއެ އުޅޭ ކާނާގެ ވާހަކައެވެ. މިއީ ހައްސާސް މައްސަލައެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2025