ބަނޑުހިކުމަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރާ ވޭންދެނިވި ކަމެކެވެ. މިކަމުގެ ސަބަބުން ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުން އިންސާނާއަށް އަސަރު ކުރުވައެވެ. މި ލިޔުމުގައި މި ބަލާލަނީ ބަނޑުހިކުމުން ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
އިންސާނާގެ މި "ބިޒީ" ދުނިޔޭގައި ދެ ދުވަހަކު އެއްވަގުތެއްގައި ފާހާނާ ތަށިމަތީ އިނދެލާނޭ ވަގުތެއް ނުވެއެވެ. ހަގީގަތުގައި ވަކި ތަރުތީބަކުން ކޮންމެ ދުވަހަކު އާދަވެ ވަކި ގަޑިތަކެއްގައި ފާހާނާ ކުރާނަމަ ބަނޑުހިކުން ކުޑަވާނެއެވެ. ހާއްސަކޮށް ނިދާ ހޭލުމަށްފަހު ހެނދުނުގެ ވަގުތުގައި ފާހާނާކޮށްލުން ވަރަށްވެސް މުހިންމެވެ. އެހެނީ ބޮޑުުކަމުދާ ތަކެތި ގޮހޮރުގައި ހުންނަ ކޮންމެ ވަގުތަކީ އެތަކެތިން ހަށިގަނޑަށް ފެން ނަގަމުންދާނޭ ވަގުތެކެވެ. އެހެންކަމުން ބޮޑުކަމުދާތަކެތި ހިކުމުގެ ފުރަސަތު ބޮޑުވާނެއެވެ. ބޮޑުކަމު ނުގޮސް ގިނައިރު ކުރުމަކީ ބަނޑު ހިކުމަށް މެދުވެރިވާ އެއް ސަބަބެވެ.
އިސްވެ ބުނެވިދިޔަ ފަދައިން ބޮޑުކަމުދާ ތަކެތި ގޮހޮރުގައި ހުންނަ ކޮންމެ ވަގުތަކީ އެތަކެތިން ހަށިގަނޑަށް ފެން ދަމަމުންދާ ވަގުތެކެވެ. އެހެންކަމުން އިންސާނާ ބޯ ފެނުގެ މިންވަރު އިތުރުކުރުމީ މިކަމަށް ލިބޭނޭ ވަރަށް ބޮޑު ހައްލެކެވެ. އެހެނީ ހަށިގަނޑުގައި ފެން ގިނަވުމުން ބޮޑުކަމުދާ ތަކެތިން ހަށިގަނޑަށް ފެން ދެމުމުގެ މިންވަރު މަދުވާނެއެވެ. ހަމަ އެއާއި އެކު ގޮހޮރުގައި ހުންނަ ބޮޑުކަމުދާ ތަކެތީގެ ތެތްކަން އިތުރުކޮށްދީ ބަނޑުހިކުމުން ދުރުކޮށްދޭނެއެވެ. އެގޮތުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯން ޖެހޭނެއެވެ. ވީވަރަކުން މި އަދަދު އިތުރު ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ހެލިފެލިވުމާއި ހަރަކާތްތެރި ވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ގޮހޮރުގެ ތެރެއިން ކާތަކެތި ނުވަތަ ބޮޑުކަމުދާ ތަކެތި ދަތުރުކުރަނީ "ޕެރިސްޓާލްސިސް" ނަމަކަށް ކިޔާ ގޮހޮރުގެ ހަރަކާތްތަކަކުންނެވެ. މި ހަރަކާތަކީ ހިންދިރުވާލުމުން އަރު ތެރޭގައި ހިނގާ ފަދަ ހަރަކާތެކެވެ. ބައެއްފަހަރު ބައެއް ހާލަތުގައި ގޮހޮރުގެ މި ހަރަކާތްތައް ލަސްވެ ނުވަތަ މަދުވާން ދިމައިވެދާނެއެވެ. މިހެން މިކަން ދިމައިމުވުން ބޮޑުކަމުދާ ތަކެތި ގޮހޮރުގައި ގިނަވަގުތު ހުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެހެންކަމުން ހެލިފެލިވުމާއި ހަރަކާތް ތެރިވުމުން ގޮހޮރުގެ މި ހަރަކާތް ތަކަށް އެހީވެދޭނެއެވެ. އޭރުން ގޮހޮރުގެ ތެރެއިން ބޮޑުކަމުދާ ތަކެތި އޭގެ ތަރުތީބުން ދަތުރުކޮށް ބަނޑުހިކުމުން ދުރުކޮށްދޭނެއެވެ.
ކެއުމުގައި ބޭނުން ކުރެވޭ ބައެއް ބާވަތް ތަކުގެ ސަބަބުން ބަނޑުހިކެން މެދުވެރިވެއެވެ. މިކަން އެކި މީހުންނަށް ދިމައިވަނީ އެކި އެއްޗެހި ކައިގެންނެވެ. އެހެންކަމުން މިކަމުގައި ކޮންމެ އިންސާނަކުވެސް ފަރުވާތެރިވުން ވަރަށްވެސް މުހިންމެވެ. ކަން މިހެން ހުރިނަމަވެސް "ފައިބަރު" ނަމަކަށް ކިޔާ މާއްދާއެއް ގިނަ އަދަދަކަށް އެކުލެވޭ ކާނާ އަކީ ބޮޑުކަމުދިއުމަށް އެހީވެދޭ އަދި ބަނޑުހިކުމުން ދުރުކޮށްދޭ ކާނާ ތަކެކެވެ. ފައިބަރު ގިނަ ކާނާގެ ތެރޭގައި ވަރަށް ގިނަ ކާނާތައް ހިމެނެއެވެ. އާންމުކޮށް ފައިބަރު އެކުލެވޭ ކާނާ ވަކިކުރަން ވަރަށް ފަސޭހަ އުކުޅެއް ހުރެއެވެ. އެއީ "ނަރު" ލީ ކޮންމެ މޭވާ އެއްގައި ފައިބަރު ގިނަވާނެއެވެ. އެގޮތުން އޮރެންޖް، ޕެއާޒް އަދި އަނބު ފަދަ މޭވާ ހިމެނެއެވެ. އަދި މޭވާގެ ތޮއްޓަކީވެސް ގިނައަދަދަކަށް ފައިބަރު އެކުލެވޭ ބައެކެވެ. ހަމަ އެއާއި އެކު ގޮވާމުގެ ބައެއް ބާވަތްތައް ކަމަށްވާ އޯޓްސް އާއި ބާރުލީގައިވެސް ފައިބަރު އެކުލެވިގެން ވެއެވެ. ތަރުކާރީގެ ތެރެއިން ބީންސް އާއި ބްރޮކޮލީ ފާހަގަ ކުރެވެއެވެ. އަދި ފަލަމަޑީގެ ބައެއް ބާވަތްތަކުގައި ވެސް ފައިބަރު ގިނައަދަދަކަށް ހުންނަކަމަށް ވެއެވެ. އެގޮތުން އެކި ވައްތަރުގެ އަލަ އާއި އަލުވީގައިވެސް ފައިބަރު ހުރެއެވެ.
ބައެއް ދިރާސާތައް ދައްކާ ގޮތުގައި ކާށި ތެލަކީވެސް ބަނޑުހިކުމުން ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ދުވާލަކު ކާށިތެތޮ ސަމްސަލެއް ބޯލާނަމަ ބަނޑުހިކުމުގެ އުނދަގޫތަކާއި ބޮޑުތަނުން ދުރުވާނެއެވެ.
ކެއުމާއި ބުއިމާއި މީގެ އިތުރުން ހެލިފެލިވުމަކީ ބަނޑު ހިކުމާއި ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަންދީ ފަރުވާތެރިވާނަމަ ބަނޑުހިކުމުން ދުރެވެދާނެއެވެ.
