ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާފައިވާ މިއަހަރުގެ އެންމެ ފަހުގެ ފިލްމު "އަލްވަދާޢު" މިހާރު އޮލިޕަހުގެ ސްކްރީނުގައި ދައްކަމުން އަންނަ އިރު މިފިލްމަށް އޮތް ތަރުހީބު ބޮޑުކަން ފާހަގަވެއެވެ. ސޯޝަލް މީޑިއާ ބަލާލުމުން ފާހަގަވަނީ މިފިލްމު ބަލާކޮންމެ ބެލެންތެރިއެއްވެސް ފިލްމާއިމެދު ބުނެފައިވަނީ މިއީ މޮޅު ރީތި އަދި ހިތަށް އަސަރުކުރުވި ފިލްމެއްކަމުގައެވެ. އާންމުކޮށް ދިވެހި ފިލްމު ބަލާ ނޫޅޭ ފަރާތްތަކުންވެސް ވަނީ މިފިލްމު ބެލުމަށްފަހު މިމަސައްކަތަކީ ޑާކްރެއިން ޓީމުން ގެނެސްދިން ފުރިހަމަ މަސައްކަތެއްކަން ފާހަގަކޮށްފައެވެ.
ފިލްމު ފެށޭ ފުރަތަމަ ފްރޭމުން ފެށިގެން، "އަލްވަދާޢު" އިން ދައްކުވައިދެނީ ހިތްގައިމު ބަލާފޫހިނުވާފަދަ ރަނގަޅު ވިޝުއަލްތަކެކެވެ. ކެމެރާމަންގެ މަސައްކަތް އެހާމެ ފުރިހަމައެވެ؛ ލައިޓިންއާއި ، މަންޒަރު ބައްޓަންކޮށްފައިވާ ގޮތާއި، ކެމެރާ ބޭނުންކޮށްފައި ހުންނަ ގޮތް ވަރަށް ފުރިހަމައެވެ. ވިޝުއަލް ކޮލިޓީގެ ސަބަބުން ފިލްމުގެ ތެރެއަށް ފުރިހަމައަށް ބެލުންތެރިންނަށް ވަދެވުނު ކަހަލައެވެ. ލަވަތަކާއި މިއުޒިކް ވަރަސް ހިތްގައިމެވެ.
މި ފިލްމުގެ އެންމެ ބޮޑު އެއް ބާރަކީ ކާސްޓުންނެވެ. އެންމެ ކުޑަ ސަޕޯޓިން ރޯލުތަކުން ފެށިގެން ފަންނާނުންނާއި، ޚާއްސަކޮށް މުހިންމު ރޯލުތަކުގައި ފެނިގެންދާ ފަންނާނުންވެސް ދައްކުވައިދެނީ ހަޤީޤީ އަދި ޖަޒުބާތީ ގުޅުންތަކެއް ހުރި ތަމްސީލުތަކެކެވެ. ފިލްމުގެ މެއިން ދެތަރިން ކަމުގައިވާ މަޖޫ އަދި ޝަރަފްގެ ފަރާތުން ފެނިގެންދިޔަ ކެމިސްޓްރީ އެހާމެ ހިތްގައިމެވެ. އުފާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމާއި، އުންމީދާއި، އެކަނިވެރިކަން ފަދަ އެކި ޖަޒުބާތުތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.ފިލްމު ބަލަމުންދާއިރުގައި މިއީ ފިލްމެއްކަން ހީނުވާހާ މޮޅަށް ކޮންމެ ތަރިއެއްވެސް ވަނީ އެފަންނާނެއްގެ ރޯލް އަދާކޮށްފައެވެ . ކޮންމެ މަންޒަރަކުންވެސް ހަޤީޤީ އިހުސާސެއް ލިބިގެންދެއެވެ. އަޅުގަނޑުވެސް ހިމެނޭ ގޮތަަށް ގިނަ ބެލުންތެރިން، ފާހަގަކޮށްފައިވަނީ ކޮންމެ ފަންނާނެއްވެސް އެމީހުންގެ ރޯލަށް ފުރިހަމައަށް އިންސާފުކޮށް، ފިލްމުގެ ވާހަކައަށް އިތުރު ދިރުމެއްގެނެސްދިންކަމެވެ.
ޖަޒުބާތީ ދަތުރެއް: ހަޤީޤީ، އަސަރުގަދަ، އާއިލީ ފިލްމެއް
"އަލްވަދާޢު" އަކީ ހަމައެކަނި ލޯބީގެ މަންޒަރުތަކެއް ނުވަތަ ވާހަކައެއްގެ ގޮތުގައި ގެނެސްދީފައިވާ ފިލްމެއްނޫނެވެ. މިއީ ޖަޒުބާތީ ގޮތުން މުއްސަނދި ދަތުރެކެވެ. ފިލްމުގައި ލޯތްބާއި، ހިތްދަތިކަމާއި، މައިންބަފައިނާއި ދަރިންގެ މެދުގައި އޮންނަ ގުޅުމާއި، މުޖުތަމައުގައި ހިނގާ ނޭދެވޭ ބައެއް ކަންކަން ފަދަ އެކި މެސެޖް ހިމަނާފއިވަނީ ބަލާމީހުންނަށް މެސެޖެއް ލިބޭގޮތަށެވެ. އެންމެ މުހިންމު ކަމަކީ، ފިލްމަކީ ލޯބީގެ ފިލްމެއް ކަމުގައިވީނަމަވެސް އާއިލީ މާހައުލަކަށް އެކަށީގެންވާ ފިލްމަކަށް ވުމެވެ. ބުރަކަމެއް ނެތި ފިލްމުން އެތައް މެސެޖެއް ލިބިގެން ދިޔައެވެ.
އިޖުތިމާޢީ ރަނގަޅު މެސެޖްތަކެއް ލިބިގެންދޭ
ލޯތްބީގެ ގުޅުމުގެ އިތުރުން "އަލްވަދާޢު" އިން ދިވެހި މުޖުތަމަޢުގައި ދިމާވާ ބޮޑެތި އިޖުތިމާޢީ މައްސަލަތަކާ ބެހޭ ހެޔޮ މެސެޖެއްލިބިގެންދިޔައެވެ. ވާހަކައިގައި ބެލެނިވެރިކަމުގެ ގޮންޖެހުންތަކާއި، ޒުވާނުންގެ ކުށްތަކާއި އެކުއްތައް ފޮރުވުމުގައި ބެލެނިވެރިންގެ ޙިއްސާއަދި އެފަދަ ކަންކަމުގެ ހިތި ނަތީޖާ، މަސްތުވާތަކެތީގެ ނުރައްކަލާއި، އިހުމާލުވުމުން ނުވަތަ ގޯސް ނިންމުންތަކުން ދިރިއުޅުމަށް ކުރާ އަސަރުތަކަށް އަލިއަޅުވައިލައެވެ. ހަޤީޤަތާ ގުޅިފައިވާ އިޖުތިމާޢީ ރަނގަޅު މެސެޖުތަކެއް މިފިލްމުން ފޯރުކޮށްދެއެވެ. ގިނަ ބެލުންތެރިންނަށް، މިކަމުގެ ސަބަބުން ފިލްމަށް އިތުރު ބަރުދަނަކާއި މުހިންމުކަމެއް ލިބިގެންދިޔައެވެ.
ބޮޑު ތަރުޙީބަކާއި ގިނަ ތައުރީފް ތަކެއް ލިބެމުންދާ ފިލްމެއް
އަޅުގަނޑަށް ފެނި އަޑުއިވުނު ގޮތުގައި، "އަލްވަދާޢު" ބެލި ގިނަ މީހުން މިއީ ރީތި އަދި މޮޅު ފިލްމެއްކަން ފާހަގަކޮށްފައިވެއެވެ.ފިލްމު ބެލި މީހުންގެ މެދުގައި ވަރަށް ސާފު އެއްބަސްވުމެއް އެބައޮތެވެ: "އަލްވަދާޢު" އަކީ ކާމިޔާބު ފިލްމެކެވެ.
އެހެންކަމުން،މިއީ ބެލުންތެރިންނަށް ފިކުރެއް ގެނެސްދީ، ޖަޒުބާތީ ދަތުރަކަށް ގެންގޮސްދޭ ފިލްމަކަށްމިވަނީ ވެފައެވެ. މިއީ ދިވެހި ސިނަމާގެ ކުރިމަގަށް އުންމީދުގެ ހުޅުކޮޅެއް ދައްކުވައިދޭ، މުހިންމު ފިލްމެކެވެ. މިފިލްމު ނުބަލާފަރާތެއް ނަމަ މިއީ ބަލާލުން ރަނގަޅު ފިލްމެކެވެ.

