ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވަނީ އިސްލާމްދީނަކީ ހަމައެކަނި އާޚިރަތުގެ ދިރިއުޅުމަށް ބާރުއަޅާ ދީނެއް ނޫންކަމަށެވެ. މިއީ ދުނިޔެއާއި އާޚިރަތް އެކުގައި ދެމެހެއްޓުމަށް ގޮވާލާ، މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. އިންސާނުން ދިރިއުޅުމަށްޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ ބޮޑު މަސްއޫލިއްޔަތެކެވެ. ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާއިރު، ރިބާއާއި ޖުވާ ފަދަ މުޢާމަލާތްތައް ވަނީ ހަރާމްކުރައްވާފައެވެ. ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވާފައިވުމުން، މުސްލިމުންނަކީ އިގްތިސާދީ ގޮތުން ފުދުންތެރި، މަސައްކަތް ދަންނަ، ތަކެތި އުފައްދާ ބަޔަކަށް ވާންޖެހެއެވެ.

ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުން ފަދަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކަކީ ދަށުދަރަޖައިގެ ކަންކަމެއް ނޫނެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީން ކަމުގައިވާއިރު، އެ ބޭބޭކަލުންވެސް އަމިއްލަފުޅު ހިނގުން ދެމެހެއްޓެވުމަށްޓަކައި މަސައްކަތްކުރެއްވިއެވެ. މާތް ﷲ ވަނީ ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްގަހާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށްޓަކައި ޚިދުމަތްތެރިކުރައްވައިފައެވެ. އެހެންކަމުން، މި ތަކެތީގެ ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމަކީ މުސްލިމުން ލަދުވެތިވެގެން ނުވާނެ ކަމެކެވެ. އެކަންކަމަށް ފަސްޖެހި، ކަންނެތްވެގެން ނުވާނެއެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެ، އިގްތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން އިގްތިސާދީ ސިނާއަތްތަކުގައި ދިވެހީން ހީވާގިކަމާއެކު އުޅޭތަން ނުފެނުމަކީ ހިތާމަހުރި ކަމެކެވެ. އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ބޭނުންތައް ފުއްދާނެ ގޮތްތަކާއި ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުން ހިފާ ބަޔަކުކަމުގައި ވުމަށް އިސްލާމްދީން ގޮވާލައެވެ. މިނިވަންކަމާއި އިގްތިސާދީ ފުދުންތެރިކަމަކީ މި ބިންމަތީގައި ނަމާދުގާއިމުކޮށް، އަމުރުމަޢުރޫފު ހިންގައި، މުންކަރާތްތައް ނަފީކުރުމަށްޓަކައި ލާޒިމު ކަމެކެވެ. ވީމާ، އަޅުގަނޑުމެން އެންމެންވެސް ދުނިޔެއާއި އާޚިރަތަށް ފައިދާހުރި މަސައްކަތްތަކުގައި ހީވާގިވެ، ދުނިޔެ އާރާސްތުކުރުމަށް މަސައްކަތްކުރަމާތޯއެވެ!