ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކީ ކައުޝަލް ލީޑް ރޯލުން ފެންނަ ތާރީހީ ފިލްމު "ޗާވާ" ރިލީޒްކުރުން ފަސްކޮށް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކުގައި ދައްކާ ގޮތަށް ނިންމައިފިއެވެ. ކުރިން މި ފިލްމު އަޅުވަން ތާވަލުކޮށްފައި އޮތީ މި ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށެވެ. ނަމަވެސް، ފިލްމުގެ ޓީމުން މިހާރު ވަނީ ރިލީޒްކުރާ ތާރީހަށް ބަދަލު ގެނެސް، އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ފިލްމު ގެނެސްދޭން ނިންމާފައެވެ.
މި ފިލްމު ލަސްކުރި މައިގަނޑު ސަބަބަކީ، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވުނު އަދި މިހާރު ރިލީޒްކޮށްގެން އުޅޭ "ޕުޝްޕާ 2: ދަ ރޫލް" އާ ވާދަކުރަން ޖެހިދާނެތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. "ޕުޝްޕާ 2" އަށް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާތީ، "ޗާވާ" ގެ ވިޔަފާރިއަށް އޭގެ އަސަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން، އުފެއްދުންތެރިން ބޭނުންވީ އެހެން ތާރީހެއްގައި ފިލްމު ގެނެސްދޭށެވެ. މިއީ ތާރީހީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބޮޑު ބަޖެޓު ފިލްމެކެވެ.
ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިކީ ކޯޝަލް ފެނިގެންދާނީ ޗަތުރަޕަތީ ސަމްބާޖީ މަހާރާޖުގެ ރޯލުންނެވެ. އަދި އޭނާއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ރަޝްމިކާ މަންދަނާއެވެ. ދާދި ފަހުން މި ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު، ގިނަ ބައެއްގެ ޝައުގުވެރިކަން މި ފިލްމަށް ވަނީ ލިބިފައެވެ. ހާއްސަކޮށް ވިކީ ކައުޝަލްގެ ތަފާތު ލުކް ފޭނުންނަށް ވަރަށް ބޮޑަށް ވަނީކަމުގޮސްފައެވެ.
