ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގ އާއި އަކްޝޭ ހަންނާ ލީޑު ރޯލުން ފެންނަ ފިލްމު 'ދުރަންދަރު' އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. މި ފިލްމު ރިލީޒް ކުރިތާ އެންމެ ހަފުތާއެއްގެ ތެރޭގައި މިވަނީ 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، 200 ކްރޯޑް ކްލަބަށް ވަދެފައެވެ. މިއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފިލްމަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވާފައިވާތާ މިހާރު އަށް ދުވަސް ވެފައިވާއިރު، ފިލްމަށް ލިބޭ އާމްދަނީ ދަށަށް ގޮސްފައެއް ނުވެއެވެ. ބޮކްސް އޮފީހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު ރިލީޒް ކުރިތާ އަށް ވަނައަށް ވީ ދުވަހު ނުވަތަ ހުކުރު ދުވަހު ވެސް، މި ފިލްމުން ވަނީ ހީކުރި ވަރަށްވުރެ ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. މިއާއެކު މި ފިލްމުން ވަނީ "ފްރައިޑޭ ޓެސްޓް" ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ.
ރަންވީރު ސިންގގެ މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ މި ފިލްމަކީ މި ދުވަސްވަރު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު އާމްދަނީއެއް ހޯދައި، ގިނަ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ ވަރަށް ވާދަވެރި މާހައުލެއްގައިކަން ފާހަގަކޮށްލެވެއެވެ.
