ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ގާއިމުކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ތަން ހުޅުއްވައިދެއްވީ ރ. ދުވާފަރަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދުވާފަރުގައި ހުޅުވުނު މި ފިއުލް ޝެޑަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތިބެގެން ވެސް ހެޔޮ އަގުގައި ނުވަތަ "އެސްޓީއޯ ރޭޓު" ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ނިންމައި ހިދުމަތް ދޭން ފެށި ފުރަތަމަ ތަނެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ތެޔޮ އެޅުމަށް ލުއިފަސޭހަވެގެން ދާނެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، އަމާޒަކީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ހިދުމަތް ގާއިމުކުރުމެވެ. އެގޮތުން ކޮންމެ އަތޮޅަކުން ވެސް "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
