ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި ރެޕާ ޖޭޒީގެ ދޮށީ ދަރިފުޅު ބްލޫ އައިވީ ކާޓާ، އޭނާގެ ބައްޕައާ އެކު ބާސްކެޓް މެޗެއް ބަލަން ގޮސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. ލޮސް އެންޖެލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައި ކުޅުނު މި މެޗުގައި ބައްޕަ ޖޭޒީއާ ޖެހިގެން ކޯޓުގެ އެންމެ ކުރީ ސަފުގައި އިށީނދެގެން އިންއިރު، ބްލޫ އައިވީ ފެނިގެންދިޔައީ ވަރަށް ސްޓައިލިޝްކޮށެވެ.


އުމުރުން 13 އަހަރުގެ ބްލޫ އައިވީ ފާހަގަކުރެވެނީ ހަމައެކަނި މަޝްހޫރު ދެ ތަރިންގެ ދަރިއެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ މިހާރު ފެޝަންގެ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ "ފެޝަނިސްޓާ" އެކެވެ. މީގެ އިތުރުން މެނޭޖަރެއްގެ ރޯލާއި ނެށުންތެރިއެއްގެ ގޮތުގައި ވެސް އޭނާ އަންނަނީ ހުނަރު ދައްކަމުންނެވެ. މި މެޗަށް ދިޔައިރު ބްލޫ އައިވީ ހުރީ ވަރަށް ތަފާތު އަދި ޒަމާނީ ފެޝަން ސްޓައިލަކަށް ހެދުން އަޅައިގެންނެވެ. މީޑިއާތަކުގެ ލޯތައް އޭނާއަށް ހުއްޓުނީ މި ސަބަބާ ހުރެއެވެ.


މި މެޗު ބަލަން ބްލޫ އައިވީ ގޮސް އިނީ އޭނާގެ ބައްޕަ ޖޭޒީއާ އެކުގައެވެ. ޖޭޒީ މި މެޗަށް ގޮސް ހުރީ މުޅިން ކަޅު ކުލައިގެ ހެދުމެއްގައެވެ. އަދި އަވިއައިނެއް އަޅައިގެން އިންއިރު، ދެބަފައިން ތިބީ ކޯޓްސައިޑް ގޮނޑިތަކުގައެވެ. މީގެ ކުރިންވެސް ބޮޑެތި ކުޅިވަރު މުބާރާތްތައް ބަލަން ޖޭޒީ އޭނާގެ ދަރިފުޅު ގޮވައިގެން ދާކަން ފާހަގަކުރެވެއެވެ.


މި މެޗަކީ ލޮސް އެންޖެލިސް ލޭކާސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި ފޯރިގަދަ މެޗެކެވެ. ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކުޅުނު މި މެޗުގައި ބްލޫ އައިވީ ފެނިގެން ދިޔުމަކީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ސޯޝަލް މީޑިއާގައި ވެސް ބްލޫ އައިވީގެ މި ފެނިލުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ.