ޖެނުއަރީ 6 ވަނަ ދުވަހު ފޭސްބުކް އަދި އިންސްޓަގްރާމްއިން ސަސްޕެންޑުކުރި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް އަލުން ފެންނަން ފަށައިފިއެވެ.
މިހާރު ފޭސްބުކް އަދި އިންސްޓަގްރާމްގައި ވެސް ޓްރަންޕްގެ ޕޭޖް އަދި ހޭންޑަލް ފެނެއެވެ. ނަމަވެސް ޓްރަންޕަށް ޕޯސްޓް ކުރެވޭނެކަން ނުވަތަ ނޫންކަން އަދި ޔަޤީނެއް ނޫނެވެ. ފޭސްބުކްއިން މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފޭސްބުކް ކުންފުނީގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމްއިން ޓްރަންޕް ބޭރުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ސައްހަ ނޫން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެއެވެ. އަދި މީގެ އިތުރުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް، ކެޕިޓޮލްގެ ތެރެއަށް ޓްރަންޕްގެ ސަޕޯޓަރުން މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ވަދެގަތީ ޓްރަންޕްގެ ހިތްވަރު ދިނުމުގެ މެސެޖްތަކުގެ ސަބަބުން ކަމަށް ވެސް ފޭސްބުކްއިން ވަނީ ނިންމައިފައެވެ. ކެޕިޓޮލްގެ ތެރެއަށް ޓްރަންޕްގެ ސަޕޯޓަރުން ވަދެގަތީ، އިންތިޚާބު އޮޅުވާލި ކަމަށް ބުނެއެވެ. ޓްރަންޕް ވަނީ އެ ތަނަށް ދިޔަ މީހުންނަކީ ބަދަތަލުން ތަކެއް ކަމަށް ސިފަކޮށްފައެވެ.
ފޭސްބުކް އަދި އިންސްޓަގްރާމްއިން ޓްރަންޕް ބޭރު ކުރަން ނިންމީ، 9،000އަށް ވުރެ ގިނަ ޝަކުވާތައް ބެލުމަށް ފަހުގައެވެ. ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ޖެނުއަރީ މަހު ޓްވިޓާ އާއި ޔޫޓިއުބްގެ އިތުރުން ސްނެޕްޗެޓުން ވެސް ޓްރަމްޕް ބޭރުކޮށްފައިވެއެވެ. ޓްރަންޕް އޭގެ ފަހުން އޭނާގެ ޝުޢޫރުތައް ހާމަކުރަމުން ދަނީ ބްލޮގެއްގައެވެ.
