ހެނދުނު ނިދައި ހޭލުމަށް ފަހު ގިނަ މީހުންގެ އާދައަކީ އެންމެ ފުރަތަމަ ވެސް ފާހާނާއަށް ވަދެ ފެންވަރާލުމެވެ. މިއީ ތާޒާވެލުމަށް ކުރާ ކަމެއް ނަމަވެސް، ސިއްހީ މާހިރުންނާއި ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި މިއީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހެނދުނު ހޭލުމަށް ފަހު ކަންތައްތައް ކުރަންވީ ވަކި ޚާއްސަ ތަރުތީބެއް މި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ވަނީ ކަނޑައަޅުއްވާފައެވެ.


މިކަމާ ގުޅޭގޮތުން "ވައި ވީ ސްލީޕް" ފޮތުގެ މުސައްނިފު އަދި ނިދުމާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރު މެތިއު ވޯކާ ވިދާޅުވާ ގޮތުގައި، ހޭލާ ގޮތަށް ހޫނު ފެނުން ފެންވެރުމަކީ ހިތަށް ބުރަބޮޑުވެ، ބޯއެނބުރުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ.

ސަބަބަކީ ނިދުމާއި ހޭލުމާ ގުޅިފައިވާ ހޯމޯނެއް ކަމަށްވާ ކޯޓިސޯލްގެ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން ޑޮކްޓަރު ވޯކާ ލަފާދެއްވަނީ ހޭލުމަށް ފަހު ފެންވެރުމުގެ ކުރިން 30 މިނެޓު ނުވަތަ 60 މިނެޓު މަޑުކޮށްލުމަށެވެ.

ފެންވަރާއިރު މާ ހޫނު ފެނުގެ ބަދަލުގައި ތާފަނާ ފެން ބޭނުންކުރުމަށް އިރުޝާދު ދެއްވައެވެ.


ހޭލުމަށް ފަހު ހަށިގަނޑަށް އެންމެ ބޮޑަށް ބޭނުންވެފައި ހުންނާނީ ފެނެވެ.

"ޔުއާ ބޮޑީސް މެނީ ކްރައިސް ފޯ ވޯޓާ" ގެ މުސައްނިފު ޑޮކްޓަރު އެފް ބަޓްމަންގެލިޖް ހާމަކުރައްވާ ގޮތުގައި އެނދުން ތެދުވެ އެންމެ ފުރަތަމަ ވެސް އެކެއް ނުވަތަ ދެ ތަށި ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ، ހަޖަމުކުރުމުގެ ނިޒާމަށް ލުއި ލިބިގެންދެއެވެ.


މީގެ އިތުރުން، ހޭލުމަށް ފަހު ނޭވާލުމުގެ ކަސްރަތު ކުރުމަކީ ވެސް މުހިންމު ކަމެކެވެ. "ދަ ރިލެކްސޭޝަން ރެސްޕޮންސް" ގެ މުސައްނިފު ޑޮކްޓަރު ހާބަޓް ބެންސަން އަދި ނިއުރޯސައިންޓިސްޓް ޑޮކްޓަރު އެންޑްރޫ ހިއުބަމަން ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި، އެނދުން ތެދުވުމުގެ ކުރިން ނޭފަތުން ފުންކޮށް ނޭވާލުމަށް 3 މިނެޓާއި 5 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަކޮށްލަން ޖެހެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖެން ލިބި، ނާރުތަކުގެ ނިޒާމު ހަމައަކަށް އަޅުވައިދީ، ދުވަސް ފަށާއިރު ހުންނަ ހާސްކަން ކުޑަކޮށްދެއެވެ.


މިއީ ހަމައެކަނި ޒަމާނީ ސައިންސްގެ ހޯދުންތަކެއް ނޫނެވެ. މީލާދީގެ 1500 އަހަރު ކުރިން (1500 ބީސީއީ) ގައި ވެސް އާޔުވެދާ ބޭސްވެރިކަމުގައި ވަނީ ހެނދުނު ހޭލައި ފެންވެރުމުގެ ކުރިން ފެން ބުއިމަށާއި ނޭވާލުމުގެ ކަސްރަތަށް ބާރުއަޅާފައެވެ. އަދި ގްރީކް ޒަމާނުގެ މަޝްހޫރު ބޭސްވެރިޔާ ހިޕޮކްރޭޓްސް ވެސް ވަނީ އޭނާގެ ފޮތްތަކުގައި ފެނާއި ވައިގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ހަމަޖެހިލައިގެން ހޭލައި، ފުންކޮށް ނޭވާލައި، ފެން ބުއިމަށް ފަހު ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެލުމަށް ފަހު ފެންވެރުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޑޮކްޓަރުން އިއްތިފާގުވެއެވެ.