ޑާކް ރެއިން އެންޓަޓެއިންމަންޓުން މި އަހަރުގެ އެންމެ ފަހު ފިލްމުގެ ގޮތުގައި އުފައްދާފައިވާ "އަލްވަދާޢު" މިހާރު އޮލިމްޕަސް ސިނަމާގެ ސްކްރީނުގައި ދައްކަމުން އަންނައިރު، ގިނަ ބައެއްގެ ތަރުޙީބު މިހާރު ވެސް ވަނީ އާދަޔާ ހިލާފަށް ލިބިފައެވެ. ފިލްމު ބަލާފައި ނިިކުންނަ ކޮންމެ މީހެއްގެ ފަރާތުން ހޫނު ތަރުޙީބެއް މި ފިލްމަށް ލިބިފައިވާކަން ސޯޝަލް މީޑިއާ ބަލާލުމުންނާއި، ބެލުންތެރިންގެ ކޮމެންޓްސް އަޑުއަހާލުމުން ވެސް ފާޅުވެ އެވެ. ފިލްމުގެ ވާހަކައިން ފެށިގެން ތަރިންގެ ހުށައަޅައިދިނުމާއި، ލަވަތަކާއި، ފިލްމުން ލިބިގެންދިޔަ މެސެޖްތަކަށް ކޮންމެ މީހަކު ވެސް އިއްތިފާގުވެފައިވަނީ މިއީ ހަމަ މިއަހަރުގެ "އެންމެ ބެސްޓް" ފިލްމު ކަމަށެވެ.

އޮލިމްޕަހުން ފިލްމު ބަލާފައި މިހާތަނަށް ނިކުތް ގިނަ މީހުންގެ ތައުރީފް ބަންޑުން ކޮށްލީ މިއީ ވަރަށް ލޯބި ފިލްމެއް ކަމަށް ބުނެއެވެ. ފިލްމު ބަލާ ނިމިގެން ތަރިންނާ ބައްދަލުކޮށްލާ، ސެލްފީ ނަގާ، އެތައް ތައުރީފްގެ ބަސްތަކެއް ފިލްމާ މެދު ބުނަމުން ދިއުމަކީ މިފިލްމުގެ މަސައްކަތް ބެލުންތެރިން ބަލައިގަތް ކަމުގެ ސާފު ހެއްކެކެވެ.

ފިލްމުގެ ކާސްޓުންގެ މޮޅު އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ. އެކަން ފާހަގަކޮށް ގިނަބަޔަކު ބުނަމުން އަންނަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ ޝަރަފް އަބްދުﷲ "ގިނަގިނައިން ލޯބީގެ ފިލްމުތައް ކުޅެންވީ" ކަމަށެވެ. ޝަރަފް މި ފިލްމުގައި ގެނެސްދިން ރޯލުން ފިލްމުގެ ބެލުންތެރިން ވަރަށް ހައިރާން ކޮށްލިއެވެ. ހަމަ އެހެންމެ ޑާކް ރެއިންގެ އެންމެ މަގްބޫލް އެއް މޫނު ކަމުގައިވާ މަރިޔަމް މަޖުދާ (މަޖޫ)ގެ ރޯލާ މެދު ހިތްހަމަޖެހިގެން ވާހަކަ ދެއްކި ގިނަބަޔަކު ބުނަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލުން މަޖޫ ފެނިގެންދިޔައިރު އެ ރޯލު އޭނާ އަދާކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ޝީލާ ނަޖީބްގެ އިތުރުން ފިލްމުގެ ސަޕޯޓިން ރޯލްތަކުން ފެނިގެންދިޔަ އައު ތަރިން ކަމަށްވާ މުހައްމަދު ރަޝީދު، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފްގެ އެކްޓިން ވެސް ފާހަގަ ނުކުރާ މީހަކު މަދެވެ. މި ފިލްމަކީ ޝަހުދާ މުހައްމަދު (ޝާހޫ) ލިޔެ، އަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުހައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފްއެވެ.

ގިނަބަޔަކު އެންމެ ފާހަގަކުރި ކަމަކީ އާއިލާއާ އެކު ބަލާލެވޭ އަދި މުޖުތަމައުއަށް ރަނގަޅު މެސެޖްތަކެއް ލިބިގެންދިއުމެވެ. މައިންބަފައިންނާ ދަރިންގެ ގުޅުމާ، މަންމައެއްގެ ލޯތްބާއި އަޅާލުމުގެ މުހިންމުކަން، މުޖުތަމައުއަށް ކުރިމަތިވެފައިވާ ބައެއް އެކި ގޮންޖެހުންތަކާއި އެފަދަ ކަންކަމުގެ ހިތްދަތި ނަތީޖާގެ މައްޗަށް އަލިއަޅުވާލާ ޑާކްރެއިންއިން ތައްޔާރުކުރި މި ފިލްމަކީ މުނިފޫހިފިލުވުމާއި ހިތްހަމަޖައްސާލަން އަދި އެކުވެރިންނާ އެކު މަޖާކޮށްލަން ބަލާލުމުގެ އިތުރުން މުހިންމު މެސެޖްތަކެއް އަޅުގަނޑުމެންނަށް ފޯރުކޯށްދޭ ފިލްމެކެވެ.

ކޮންމެއަކަސް ފިލްމުގެ މޮޅު ވާހަކައާއި ރީތި ވާހަކަތައް ދެކެވެމުންދާއިރު، އަނެއްކޮޅުން ފިލްމުގެ ފަހު ޝޯތަކާ ހަމައަށް މިވަނީ އައިސްފައެވެ. ފިލްމްގެ ޝޯތައް ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ފިލްމުގެ ޓިކެޓް ގަތުމަށް 9911229 ނަމްބަރަށް ވައިބަރ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެޓް ގަނެވޭނެކަމަށް ޑާކްރެއިނުން ބުނެއެވެ. އެހެންވީމާ، އެކުވެރިންނާއި އާއިލާއާ އެކު ފިލްމު ތަޖުރިބާކޮށްލުމުގެ ފަހު ފުރުޞަތާއި ހަމައަށް މިވަނީ އައިސްފައެވެ. މި ފިލްމަކީ އަސަރުގަދަ، ރީތި ލޯބީގެ ވާހަކައަކަށް މޮޅު ހުނަރުތަކެއް ފެނިގެންދިޔަ، ބަލާލުން ރަނގަޅު ފިލްމެއްކަން ޔަގީނެވެ.