ގަތަރުގައި 2022 ވަނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް އާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި ދިވެހިރާއްޖެ އަތުން 4-0 އިން ހޯދި ބޮޑު މޮޅާއެކު ސީރިއާއިން ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުކުރުމާއި ގާތަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ސީރިއާ ވަނީ ގްރޫޕް އޭގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ސައްތައިގެ ރެކޯޑަކާ އެކު އޮތް ސީރިއާ އަށް 18 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުން ކުރިއަށް އޮތް ގުއާމް މެޗުން މޮޅުވެގެން މި ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުކުރެވޭނެއެވެ. ދެވަނައިގައި އެއް މެޗު މަދުން ކުޅެފައިވާ ޗައިނާ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ފިލިޕީންސް އެވެ. ރާއްޖެ އޮތީ ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި އޮތް ގުއާމް އަށް ޕޮއިންޓެއް ނުލިބެއެވެ.
ޔޫއޭއީގެ ޝާރްޖާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ސީރިއާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމުން މި ހާފުގައި ޖެހި ތިން ލަނޑުގެ ތެެރެއިން ދެ ގޯލް ކާމިޔާބުކުރީ ޕެނަލްޓީއިންނެވެ. މި މެޗުގައި ސީރިއާ އިން ޖެހި ފުރަތަމަ ލަނޑު، މެޗުގެ 29 ވަނަ މިނެޓުގައި މަހުމޫދު އަލް މަވާސް ކާމިޔާބުކޮށްދިންއިރު އޭގެ ފަސް މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ އައިއާސް އައޮސްމާން އެވެ. މިއީ ސީރިއާގެ ކުޅުންތެރިއަކަށް ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއަކުން އަލް މަވާސް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
މި މެޗުގައި ސީރިއާ އިން ޖެހި ހަތަރުވަނަ ލަނޑު، 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އަލް މަވާސް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސީރިއާގެ ޑިފެންޑަރު މުއައިދު އަލްއަޖާން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ ޕެނަލްޓީއެއް ހޯދުމަށް ޑައިވްކުރުމުން އަލްއަޖާން އަށް ރެފްރީ ދެއްކި ރީނދޫ ކާޑެކެވެ.
ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ މި މަހުގެ 11 ވާ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 22:00 ގައެވެ. ސީރިއާ އަށް އޮތީ އަންނަ ހޯމަ ދުވަހު ގުއާމްއާ ދެކޮޅަށް ކުޅޭ މެޗެވެ.
