ރަޝިއާގެ އާބާދީ ދަށްވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން އިންޓަނެޓާއި ކަރަންޓުގެ ހިދުމަތް ކަނޑާލުމަށް އެ ގައުމުގެ އިސް އޮފިޝަލުންތަކެއް ވިސްނަމުންދާ ކަމަށް އިންޓަނޭޝަނަލް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިއީ ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، ސްކްރީންތަކަށް ހުސްވެފައިވާ ވަގުތުތައް މަދުކުރުމަށް ހުށަހަޅާފައިވާ ތަފާތު ހިޔާލެކެވެ. ރަޝިއާގެ އާބާދީ ދަނީ ރެކޯޑު މިންވަރަކަށް ދަށްވަމުންނެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، ރޭގަނޑު 10:00 އިން ފެށިގެން މެންދަމު 2:00 އާ ހަމައަށް ގޭބިސީތަކުން އިންޓަނެޓާއި ކަރަންޓު ކަނޑާލުމަށް ވަނީ ލަފާދީފައެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ސްކްރީންތަކަށް ބެލުމާއި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ހުއްޓުވައި، އާއިލީ ގުޅުން ބަދަހިކޮށް ދަރިން ހޯދުމަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިކަމާ ގުޅޭގޮތުން ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ.
ރަޝިއާގެ އުފަންވާ ނިސްބަތް ވަނީ ފާއިތުވި 25 އަހަރު ނުދާހާ ދަށަށް ގޮސްފައެވެ.މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ އާދަޔާ ހިލާފު އެކި ގޮތްގޮތް ހޯދަމުންނެވެ. އޭގެ ތެރޭގައި އަލަށް ކައިވެނިކުރާ މީހުންނަށް ހޮޓާތަކުން ހިލޭ ރޭ ހޭދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފުރަތަމަ ޑޭޓަށް ދާ މީހުންނަށް ފައިސާގެ އެހީ ދިނުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިހާތަނަށް އެޅި މާލީ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ޑިމޮގްރަފިކް ތަޖުރިބާކާރުން ބުނާ ގޮތުގައި އާބާދީ ދަށްވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ދަތިކަމާއި، ގެދޮރުގެ މައްސަލަތައް ހިމެނެއެވެ. ހަމައެކަނި އިންޓަނެޓް ކަނޑާލައިގެން މިކަން ހައްލުނުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް، ރަޝިއާގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް "މިނިސްޓްރީ އޮފް ސެކްސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފެއްދުމަށް ވެސް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
