އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި ޔަހޫދީން ފާހަގަކުރަމުން ދިޔަ "ހަނުކާ" ފެސްޓިވަލަކަށް އަމާޒުކޮށް އިއްޔެ ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއް ހުއްޓުވައި، ގިނަ ބަޔަކު ސަލާމަތްކުރުމުގައި މުސްލިމަކު ދެއްކި ހިތްވަރަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

ސިޑްނީގައި މޭވާ ވިއްކާ ފިހާރައެއް ހިންގާ އުމުރުން 43 އަހަރުގެ އަހުމަދު އަލް-އަހުމަދު ނަމަކަށް ކިޔާ މީހާ ވަނީ ފުރާނައަށް ބެލުމެއްނެތި، ބަޑިޖަހަމުން ދިޔަ ހަމަލާދިން މީހާއާ ކުރިމަތިލައި އޭނާ ހުއްޓުވާފައެވެ. އަހުމަދުގެ މި އަމަލުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވުނުކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޓެރަރިސްޓު ހަމަލާގައި 11 އާއި 16 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާއިރު، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ހަތިޔާރު އެޅި މީހާ ހުއްޓުވަން އަހުމަދު ކުރި ހިތްވަރުގަދަ މަސައްކަތުގެ ތެރޭގައި އޭނާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބި، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިއީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ބަޔަކު ސީދާ ޔަހޫދީންނަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އަހުމަދުގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާ ހުއްޓުވީ "ވަރަށް ހިތްވަރުގަދަ މުސްލިމެއް" ކަމަށާއި، ކުށެއް ނެތް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި އަހުމަދަށް ސެލިއުޓް ކުރައްވާ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއް ނަމަވެސް، މުސްލިމަކު ނުކުމެ ޔަހޫދީންގެ ދިފާއުގައި މަސައްކަތްކުރުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.