ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއް ދީގެން ގަތް ބޯޓެއްގެ މިލްކުވެރިކަމާ މެދު އުފެދުނު މައްސަލައެއްގައި، ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ކައިޒީން މި މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅީ، މި މައްސަލަ ބެލި ދަށު ކޯޓުތަކުން އޭނާ ބޭނުންވި ފަދަ ނަތީޖާއެއް ލިބިފައި ނުވާތީއެވެ.
މި މައްސަލައަކީ "މިހިރީ ނަންބަރު 5" ކިޔާ ބޯޓެއް ގަތުމަށް ކައިޒީން ހަރަދުކުރި ކަމަށް ބުނާ ފައިސާއެވެ. ކައިޒީން ބުނާ ގޮތުގައި އެ ބޯޓު ގަތުމަށް އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ 3.6 މިލިއަން ރުފިޔާ ހަވާލުކުރިއެވެ. ނަމަވެސް، ކައިޒީންގެ ރުހުމާ ނުލައި ބައްޕަ ވަނީ އަމިއްލަ ނަމަށް ބޯޓު ރަޖިސްޓްރީ ކޮށްފައި ކަމަށާއި، ބޯޓުގެ ހަގީގީ ވެރިފަރާތަކީ ކައިޒީން ކަމަށް ވާތީ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް ކައިޒީން އެދިފައިވެއެވެ.
މި ދައުވާ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމުން ކައިޒީންއަށް ކާމިޔާބު ނުވުމުން، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. ހައި ކޯޓުން ވަނީ ދަށު ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަންގާފައެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކައިޒީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
