އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ސައުދީ އަރަބިއްޔާއަށް ކުރި ދަތުރުގައި އެ ގައުމުގެ ތަރައްގީ އާއި ރީތިކަން ފެނި ހައިރާންވެ، އެކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.
ރިޔާދުގައި އޮތް މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމަށް އޭނާ ކުރި މި ދަތުރުގައި ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އޭނާގެ ވާހަކަތަކުގައި ސައުދީގެ އިންތިޒާމްތަކާއި ތަރައްގީ ސިފަކޮށްދިނުމަށް މުސްލިމުން ބޭނުންކުރާ ބަސްތައް ބޭނުންކޮށްފައިވުން ފާހަގަކޮށްލެވެއެވެ.
ރިޔާދުގައި ބޭއްވި "އެމްޑީއެލްބީސްޓް ސައުންޑްސްޓޯމް" ފެސްޓިވަލްގެ ހެޑްލައިން ފަންނާނެއްގެ ގޮތުގައި ލަވަ ހުށަހަޅައިދިނުމަށް ފަހު، ކާޑީ ބީ ވަނީ ސައުދީގެ އުމްރާނީ ތަރައްގީއަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ އެ ގައުމުގެ ހުރިހާ ތަނެއް ވެސް ފެންނަނީ ވަރަށް އާކޮށް ކަމަށާއި، ހީވަނީ އިއްޔެ ހުޅުވާލި ތަނެއް ހެން ކަމަށެވެ. އަދި ޝޮޕިން ކުރުމަށް ވެސް ވަރަށް ރަނގަޅު ކަމަށާއި، ހުރިހާ ކަމެއް ވެސް "މާޝާﷲ" އޭ ބުނެ އޭނާ ވަނީ އެ ގައުމުގެ މުއްސަނދިކަމާއި ފުރިހަމަކަމަށް ތައުރީފު އޮއްސާލާފައެވެ.
މި ޝޯގައި ބައިވެރިވި އެތައް ހާސް ބަޔަކަށް މަރުހަބާ ކިޔުމުގެ ގޮތުން ކާޑީ ބީ ވަނީ މުސްލިމުން ސަލާމް ގޮވުމަށް ބޭނުންކުރާ ސަގާފީ އިބާރާތެއް ކަމަށްވާ "އައްސަލާމް އަލައިކުމް" މިހެން ބުނެ ސަލާމް ގޮވާފައެވެ. މީގެ އިތުރުން ސައުދީގައި އޭނާއަށް ލިބުނު ތަރުހީބާއި މަޝްހޫރުކަން ފާހަގަކޮށް، އެ ގައުމުގައި އޭނާއަކީ ވަރަށް މުހިންމު އަދި ބަލައިގަންނަ މީހެއްކަން އިހުސާސް ކުރެވޭ ކަމަށް ވެސް ކާޑީ ބީ ވަނީ ބުނެފައެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން ސައުދީގެ ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.
ކާޑީ ބީ ސައުދީއަށް މި ދިޔައީ އެމެރިކާގައި އޭނާގެ މައްޗަށް ކުރި ދައުވާއަކުން ސަލާމަތްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ފަހަކަށް އައިސް ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި، ކުޅިވަރު ކުޅުންތެރިން އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ގަލްފުގެ ގައުމުތަކަށް ޒިޔާރަތްކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ޖެނިފާ ލޮޕޭޒް އާއި ސެލީން ޑިއޯން އަދި އެމިނެމް ފަދަ މަޝްހޫރު ތަރިން ސައުދީގައި ޝޯތައް ދީފައިވާއިރު، މިއީ ސައުދީން މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކޮށް ދުނިޔެއަށް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
