ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރު ހާން، ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީއާ ބައްދަލުކޮށްފިއެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކަރީނާގެ ދެ ދަރިން ކަމަށްވާ ތައިމޫރު އަލީ ހާން އާއި ޖެހަންގީރު އަލީ ހާން ވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.


މެސީ އިންޑިއާއަށް ކުރަމުންދާ ދަތުރުގެ ތެރެއިން މުމްބާއީގައި އޮތް ހާއްސަ އިވެންޓެއްގެ ތެރެއިން ކަރީނާ ވަނީ މެސީއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށް ކަރީނާގެ ދެ ކުދިން ތިބީ އާޖެންޓީނާގެ ފުޓުބޯޅަ ޖާޒީ ލައިގެންނެވެ. މެސީއާ ބައްދަލުވުމުން ކުދިންނަށް ލިބުނު އުފާވެރިކަން ފޮޓޯތަކުން ފެންނަން ހުއްޓެވެ. ކަރީނާ ވެސް ހުރީ ވަރަށް ސްޓައިލިޝް ފޯމަލް ހެދުމެއްގައެވެ.


މެސީ އިންޑިއާއަށް އައިސްފައިވަނީ "ގޯޓް ޓުއާ" ގެ ނަމުގައި ކުރިއަށް ގެންދާ ހާއްސަ ދަތުރެއްގައެވެ. މުމްބާއީގެ ކުރިން މެސީ ވަނީ އިންޑިއާގެ އެހެން ބައެއް ސިޓީތަކަށް ވެސް ޒިޔާރަތްކޮށްފައެވެ. ކަރީނާގެ އިތުރުން ބޮލީވުޑްގެ އެހެން ބައެއް ފަންނާނުން ވެސް ވަނީ މެސީއާ ބައްދަލުކޮށް ފޮޓޯ ނަގާފައެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން ފަދަ ތަރިން ހިމެނެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ފުޓުބޯޅައިގެ ރަސްގެފާނު މެސީއާ ބައްދަލުވުމުގެ ފުރުސަތު ކުޑަކުދިންތަކަކަށް ލިބުމުން ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ. މިއީ މެސީ އިންޑިއާއަށް ކުރި ދަތުރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމެވެ.