ދުނިޔެވަށާ ބުރުޖެހުމޭ ބުނެވެނީ ޗާޓުން ދުނިޔޭ ފެންނަ ގޮތަށް ވަށައިގެން ބުރު ޖެހުމަކަށް ނޫނެވެ. ނަމަވެސް ވީ އެންމެ ގިނަ ހިސާބަކަށް ދިއުމުގެ ގަސްތުގައި ގިނަބަޔަކު މިފަދަ ދަތުރުތަކަށް ނިކުމެއެވެ. އާންމުބަހުން މިއިން ކޮންމެ ދަތުރަކަށް ވެސް ކިޔާނީ ދުނިޔެ ވަށާ ބުރުޖެހުމެވެ. އެއް ބަޔަކު ކަނޑުމަގުންނެވެ. އަނެއް ބަޔަކު އެއްގަމު މަގުންނެވެ.

ކަނޑުމަގުންނަމަ އިންޖީނާއި، ރިޔަލާއި ފަލީގައިވެސް މިކަން ކުރެއެވެ. އެއްގަމުން ނަމަ އިންޖީނުލީ އުޅަނދާއި ބައިސްކަލް ފަދަ ތަކެތީގައި މިކަން ކުރެއެވެ. ނަމަވެސް މި ފަދަ ދަތުރުތަކަށް ހިނގާފައި ނިކުތުމަކީ އާންމު ކަމެއްނޫނެވެ. އަމްދުން އަންހެނުން މިފަދަ ކަންކަމާއި ކުރިމަތިލާ އަޑުއިވެނީ މަދުންނެވެ.

އެމެރިކާގެ އޮރެގޮން ސްޓޭޓްގެ ބެންޑަށް ނިސްބަތްވާ އެންޖެލާ މެކްސްވެލް އަކީ އޭނާގެ އުމުރުން 30 ގެ އަހަރުތައް ގުނަމުންދިޔަ އަންހެނެކެވެ. ކާމިޔާބު ވިޔަފާރިއެއް ކުރަމުންދިޔަ އިރު އެކުގައި އުޅޭނެ ލޯބިވެރިޔަކުވެސް ހުއްޓެވެ. ނަމަވެސް މިކަންކަން ދޫކޮށްލުމަށްފަހު އެންޖެލާ ބޭނުންވީ ދުނިޔެ ބަލާލަން ދާށެވެ. އެކަނިމާ އެކަނި، ހިނގާފައެވެ. ގިނަ މީހުނާ ބައްދަލުވެ، މާއްދީތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ގުދުރަތީ ފުރިހަމަ ކަމާއި ވީ އެންމެ ގާތުގައި ވުމުގެ ޢަޒުމުގައެވެ.

މިކަމަށް ނިޔަތްގަތް ހިސާބުން އޭނާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު ދަތުރަށް ތައްޔާރު ވިއެވެ. އެންމެ ފުރަތަމަ އެއްޗަކަށް، ކޭމްޕް ކުރުމަށް ބޭނުންވާ 50 ކިލޯގެ ސާމާނު އެރުވޭވަރުގެ ދަމާ ގާދިޔަލެއް ހޯދިއެވެ. މިއަށް އެރުވީ ހަށިގަނޑުގައި ފެންބައި މަދުވިޔަ ނުދީ ހިފަހައްޓާކަހަލަ ކާނާ އާއި، އަސްކަރީ ފެންވަރުގެ ފެން ފިލްޓަރަކާއި، ހަތަރު މޫސުމަށް ކަމުދާނެ ހެދުމާއި 12 ބޫޓެވެ. ދަތުރަށް ތައްޔާރުވެގެން އޭނާގެ އުފަން އަވަށުން ހިނގާފައި ނިކުތީ 2014 ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހުއެވެ.

މި ދަތުރަށް 6 އަހަރު ބައި ހޭދަވެގެން ދިޔައިރު އެންޖެލާ ވަނީ 4 ކޮންޓިނެންޓެއްގެ 14 ގައުމަކާއި ބައެއް ކުދިން ރަށްތަކުގެ ތެރެއިން 20 ހާސް މޭލަށް ހިނގާފައެވެ.

މިދަތުރުގައި އަވީގެ ސަބަބުން އެންޖެލާގެ ހަންގަނޑު ފިހި އެތައް ފަހަރަކު ފޮޅު ނަގާފައިވެއެވެ. އޮސްޓްރޭލިޔާގައި ހީޓް ސްޓްރޯކެއް ޖެހުނެވެ. ވިއެޓްނާމްގައި ޑެންގޫ ހުން ޖެހިގެން 3 ހަފްތާ ވަންދެން ދަތުރު މެދުކަނޑާލަން ޖެހުނެވެ. މޮންގޯލިޔާގައި އޭނާ ނިދާ ޓެންޓަށް މީހަކު ވަދެ އޭނާ ރޭޕްކުރިއެވެ. ތުރުކީގައި އޭނާގެ ޓެންޓާއި ގާތުން ބަޑިޖެހި ހާދިސާއަކާ ވެސް ކުރިމަތިވިއެވެ.

މިދަތުރުގައި އޭނާވަނީ އެތައް ސަގާފަތްތަކަކާއި ބެހޭގޮތުން އޮޅުންފިލުވާ، ގިނަ ބަޔަކާ ރަޙްމަތްތެރިވެފައެވެ. ދަތުރަށް ފަހު އެންޖެލާ ބުނީ ކޮންމެ މީހެއްގެ ވެސް ޝައުގުވެރި ކޮންމެވެސް ވާހަކައެއް ހުންނާނެކަމަށާ، ބޭނުންވަނީ ކަނުލާ އަޑު އަހާނެ މީހުން ކަމަށެވެ.

ދަތުރުގެ ތެރެއިން އޭނާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ވަކާލާކުރާ ނުފޫޒު ހަދަ މީހަކަށް ވެސް ވެފައެވެ. މޮންގޯލިޔާގައި ހިނގީ ރޭޕްގެ ހާދިސާއަށް ފަހުވެސް އެންޖެލާގެ ދަތުރު ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވަނީ އަނިޔާ ލިބެމުންދާ އެތައް އަންހެނުންނަކަށް ހިތްވަރުދީ މިސާލު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ހާމަކުރިއެވެ. އަންހެނުންގެ އެކި ކަންކަމަށް އެހީތެރިވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ފައިސާ ހޯދުމަށް، އެންޖެލާގެ ދަތުރުގެ ތެރެއިން 30 ހާސް ޑޮލަރު އެއްކުރިއެވެ.

ދަތުރުގެ ޚަބަރުތައް އޭނާ ދިޔައީ ސޯޝަލް މީޑިޔާގެ ޒަރީއާއިން ދުނިޔެއަށް ހާމަކުރަމުންނެވެ. އެހެންކަމުން ގިނަ ބަޔަކު އެންޖެލާއަށް ހިތްވަރުދީ ހަދާފައިވެއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެންޖެލާގެ ދަތުރު ނިންމާލީ އެނާ ނިކުމެގެން ދިޔަ އޭނާގެ ރަހްމަތްތެރިޔާގެ ގެއަށެވެ.