ފިލިޕީންސްގައި ޖިންނި މޮޔަވެގެން ނުވަތަ ޖިންނީގެ އުނދަގޫ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެ، ދުވާލަކު އެވްރެޖްކޮށް 10 ކޭސް އެ ގައުމުގެ ފައްޅިތަކަށް ހުށަހަޅަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ދުނިޔޭގެ ކެތަލިކް އާބާދީ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިލިޕީންސްގައި މިކަން މިހާރު ވަނީ ނޭޝަނަލް ލެވެލްގެ ބޮޑު މައްސަލައަކަށް ވެފައެވެ. މިކަމާ ގުޅިގެން މެނީލާގެ ޗީފް އެކްސޯސިސްޓް (ޖިންނި ނެރޭ އިސް ފާދިރީ) ހާމަކުރި ގޮތުގައި މި އަދަދުތައް އިތުރުވަމުން ދަނީ އިންޒާރު ލިބޭ ފަދަ ހަލުވި މިނެއްގައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޖިންނި މޮޔަވެފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އޭޝިއާގައި ހަދާ ފުރަތަމަ ހާއްސަ މަރުކަޒު، "ސެއިންޓް މައިކަލް ސެންޓާ ފޯ ސްޕިރިޗުއަލް ލިބަރޭޝަން އެންޑް އެކްސޯސިޒަމް" ބިނާކުރުމުގެ މަސައްކަތް ފިލިޕީންސްގައި މިހާރު ދަނީ ކުރަމުންނެވެ. އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ކޭސްތައް ގިނަވި ނަމަވެސް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ފާދިރީން ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ. މީހުންނަށް ޖިންނި އަވަލުމުގެ ސަބަބުތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަންޑިތައާއި ސިހުރުގެ ކަންކަމަށް މީހުން ހުށަހެޅުން އިތުރުވުން ހިމެނޭ ކަމަށް ފައްޅިތަކުން ބުންޏެވެ.
މި ހާލަތާ ގުޅިގެން ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ޖިންނީގެ އުނދަގޫ ކަމަށް ޝައްކުކުރެވޭ ގިނަ މީހުންނަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަލަށް ހަދާ މަރުކަޒުގައި ސައިކޮލޮޖިސްޓުންނާއި ސިއްހީ މާހިރުންގެ އެހީތެރިކަން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ޖިންނި މޮޔަވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އިތުރުވަމުންދާތީ، އެ ގައުމުގެ ދީނީ އިދާރާތަކުން ވަނީ މިކަމަށް ހޭލުންތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
