ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައި ވަގުތު، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގެ އުޑުމަތިން އާދަޔާ ހިލާފު ގަދަ އަލިގަނޑެއް ފެނިގެން އެކަމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެން ފަށައިފި އެވެ.

މި ބިންހެލުމުގެ ސަބަބުން ބިންގަނޑަށް ބާރުގަދަ ލޮޅުންތައް އަރައިގެން ދިޔަ ވަގުތު، އުޑުމަތިން މި އަލިގަނޑު ފެނުނު މަންޒަރު ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ކަމަށް ބުނާ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އުޑުމަތި އެއްކޮށް ކަހަލަ ގޮތަކަށް ދިއްލިގެން ދެއެވެ. ނޫކުލަ އާއި ހުދު ކުލަ ހިމެނޭ މި އަލިގަނޑަކީ ވިއްސާރަވުމުގެ ސަބަބުން އުފެދުނު ވިދުވަރެއް ކަމަށް ބައެއް މީހުން ފުރަތަމަ ހީކުރި ނަމަވެސް، ތަޖުރިބާކާރުން ބުނަނީ މިއީ "އާތުކުއޭކް ލައިޓްސް" ނުވަތަ ބިންހެލުމާ ގުޅިގެން ފެންނަ ވަރަށް ނާދިރު އަލިތަކެއް ކަމަށެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި މިފަދަ އަލިތައް ފެންނަނީ ބިންހެލުން އަންނަ ވަގުތު ބިމުގެ އަޑީގައި ހުންނަ ހިލަތައް ގުޑައި، އެކަތި އަނެކައްޗާ ޖެހި އުފެދޭ ފިއްތުންތަކުގެ ސަބަބުން، އިލެކްޓްރިކް ޗާޖުތަކެއް ޖައްވުގެ ތެރެއަށް ދޫވުމުންނެވެ. މީގެ ކުރިން ވެސް ޖަޕާނަށް އައި ބޮޑެތި ބައެއް ބިންހެލުންތަކުގައި މިފަދަ މަންޒަރުތައް ފެނިފައިވާކަން ރެކޯޑުތަކުން ދައްކާއިރު، މި ފަހަރުގެ ހާދިސާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ މި އަޖައިބު ކުރުވަނިވި މަންޒަރަށް ހުއްޓިފަ އެވެ.