އިންޑިއާގެ ޓީވީ ޑްރާމާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު އެކްޓަރު އަނޫޖް ސަޗްދޭވާއަށް މުމްބާއީގެ ގޯރޭގާއޯންގައި އޭނާ ދިރިއުޅޭ އިމާރާތުގެ ތެރެއިން އަވައްޓެރިއަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އަނޫޖް ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީ، އޭނާއަށް ލިބުނު އަނިޔާތައް ދައްކާލާފައެވެ. މި ހަމަލާދީފައިވަނީ އޭނާއާ އެއް އިމާރާތެއްގައި އުޅޭ އުމުރުން ދުވަސްވީ މީހެއް ކަމަށް އަނޫޖް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އަނޫޖް ގެންގުޅޭ ކުއްތާއަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. އަނޫޖް ބުނި ގޮތުގައި އެ މީހާ އޭނާއާ ދިމާކޮށްލުމަށްފަހު ދަނޑިބުރިއަކުން ހަމަލާދިނީއެވެ. މި ހަމަލާގެ ސަބަބުން އަނޫޖްގެ ބުރަކަށަށާއި އަތަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ ވަގުތު އަމިއްލަ ނަފްސު ދިފާއުކުރުމަށް މަސައްކަތް ކުރަން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. "ސަބްކީ ލާޑްލީ ބޭބޯ" ފަދަ ޑްރާމާތަކުން ފެނިގެންދިޔަ އަނޫޖް ބުނި ގޮތުގައި މީގެ ކުރިން ވެސް އެ މީހާގެ ފަރާތުން އުނދަގޫތައް ފޯރާފައިވެއެވެ. ނަމަވެސް މި ފަހަރު ޖިސްމާނީ ގޮތުން ހަމަލާދިނުމާ ގުޅިގެން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށް އަނޫޖް ވަނީ ބުނެފައެވެ.
