އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އައު އަންނައުނަށް ލޯބިކުރާ ބައެކެވެ. ކައިވެނި ޙަފްލާތަކަށް ނުވަތަ މުޙިންމު މުނާސަބަތުތަކަށް އައު ހެދުމެއް ގަނެލުމަކީ ގިނަމީހުންގެ އާދައެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އަލަށް ގަންނަ ހެދުން ދޮވެގެން ބޭނުންކުރަނީ ކިތައް މީހުންބާއެވެ. ހަޤީގަތުގައި އަޅުގަނޑުމެންނަށް ގިނަފަހަރަށް އާހެދުމެއް ލިބޭއިރަށް ލަސްނުކޮށް އެހެދުމެއް ލާން ބޭނުންވާލެއް ބޮޑުކަމުން ނުވަތަ ވަގުތު ނެތުމުގެ ސަބަބުން އަވަހަށް ނުދޮވެ ލެވެނީއެވެ. އެކަމަކު މިކަމުން ކޮށްފާނެ ނޭދެވޭ އަސަރު ގިނަފަހަރަށް ރޭކާނުލައެވެ. ގިނަމީހުންނަށް ހީވެފައިއޮންނަ ގޮތުގައި އަލަށް ގަންނަ ހެދުން ހުންނަނީ ތިމާ އެންމެ ބޭނުންވާ ކުލައެއްގަ ނުވަތަ ބޭނުންވާ ޑިޒައިނެއްގައެވެ. އެހެންކަމުން ހެދުން ގަނެގެންއައިސް ދޮވެފިނަމަ އޭގެ އަސްލު ކުލަ ފަނޑުވެ ހެދުމުގެ ރީތިކަން ގެއްލެއެވެ.
ނަމަވެސް ކިތައްމެ ބޭނުންވިޔަސް އަލަށް ގަންނަ އަންނައުނު ހާއްސަކޮށް އެތެރެއިންލާ އެއްޗެހި (ހަންގަޑާއި ސީދާ ދިމާވާ ގޮތަށް) ހުންނަ އަންނައުނު ނުދޮވެ ނުލާންވީ ބައެއް ކަންކަމަށް އަޅުގަނޑު މިލިޔުމުގައި އަލިއަޅުވާލާނަމެވެ.
ލޫޒް ޑައި ޓްރާންސްފަރ (ކުލަފޭދުން)
އަލަށް ގަންނަ އަންނައުނު ކޮންމެހެން ދޮންނަންޖެހޭ އެއްސަބަބަކީ އަންނައުނު ފެކްޓްރީތަކުން ތައްޔާރު ކުރެވޭއިރު އޭގައި ހުންނަ އިތުރު ފޭދޭ ކުލަ އަޅުގަނޑުމެންގެ ހަންގަނޑަށް ވާސިލުވާތީއެވެ. ގިނަ ވައްތަރުގެ ފޮތި އުފައްދާފައި ހުންނަނީ ސިންތެޓިކް ފައިބަރ ކިޔާ މާއްދާއެއް އެކުލެވިގެންނެވެ. އަދި ކުލަގެނެސްފައި ހުންނަނީ އެޒޯ-އެނިލައިން ކިޔާ ކުލައެއް ބޭނުންކޮށްގެންނެވެ. އަދި މިކުލަ ހަންގަނޑަށް ވާސިލުވެއްޖެނަމަ ހަމުގެ އެކިކަހަލަ އެލާރޖީސްތައް ކުރިމަތިވެއެވެ. ޙާއްސަކޮށް ދިފާޢީ ނިޒާމް ބަލިކަށި ކުޑަކުދިންނަށް މިފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިދެންނެވުނު އެލާރޖީގެ އަސަރު މާބޮޑަށް ފޯރައިފިނަމަ ހަށިގަނޑު ވިހަވުމަކީވެސް ވެދާނެކަމެކެވެ. އަދި އެންމެ ކުޑަމިންވަރެއްގެ އެލާރޖީ އަކުންވެސް ހަންގަނޑު ހިރުވާ، ކުރަކިވެ އަދި ފިތްގަނޑުނެގުން ފަދަ ކަންކަން ކުރިމަތިވެއެވެ.
ބެކްޓީރިއާ، ފަންގަސް އަދި ކުދި ސޫފާސޫފި
އަޅުގަނޑުމެންނަށް ނޭނގުނަސް ގަނެވޭ ހެދުން ކިތައްމީހުން ހެޔޮވަރުތޯބަލަން ލާނެ ހެއްޔެވެ؟ މިގޮތަށް ލާއިރު އެކަކު ގައިން އަނެކަކު ގަޔަށް ލޮލަށް ނުފެންނަ ކުދިކުދި ސޫފާސޫފި ނުވަތަ ބެކްޓީރިޔާ، ފަންގަސް ފަދަ ޖަރާސީމް ހަންގަނޑަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ހެދުން ދޮވެގެން ލުމަކީ ނުހަނު މުހިންމު ކަމެކެވެ.
ކެމިކަލް އެލާރޖީ
އަލަށް ގަންނަ އަންނައުނު ދޮންނަންޖެހޭ އެންމެ މުޙިންމު އެއްކަމަކީ އޭގައިވާ ކެމިކަލް ނައްތާލުމެވެ. ޙާއްސަކޮށް ކެމިކަލްގެ ބާވަތެއްކަމަށްވާ ޔުރިއަރ-ފޯރމަލްޑިހައިޑް ފަދަ ކެމިކަލަކީ ފެކްޓްރީތަކުން ހެދުންތައް އުފައްދާއިރު އެއަށް ބޭނުންވާ ކުލަ އަދި ޑިޒައިން ހަރުލެއްވުމަށްޓަކައި ބޭނުންކުރާ ކެމިކަލެކެވެ. މިކެމިކަލް ހަންގަނޑުގައި ޖެހިއްޖެނަމަ ނާޒުކު ހަންގަޑަށް އޭގެ އަސަރުކޮށް ހިރުވާ، ފިތްގަނޑުނެގުން ފަދަ ކަންކަން ދިމާވެއެވެ. ހާއްސަކޮށް ހެދުން އާންމުކޮށް ހަންގަނޑުގައި ޖެހޭ ހިސާބު ކަމަށްވާ ކިހިލިފަތްދޮށް، ގިރުވާނު ޖެހޭ ހިސާބު، އުނަގަނޑު އަދި ފައިގެ ފަލަމަސްގަނޑު ފަދަ ތަންތަނުގައި ކެމިކަލް ރިއެކްޝަން އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން ތިމާއާއި ތިމާގެ އާއިލާގެ ސަލާމާތާއި ރައްކާތެރިކަމައްޓަކައި އަލަށްގަންނަ އަންނައުނު ދޮވެގެން ބޭނުންކުރުމަކީ ކޮންމެހެން މުހިންމުކަމެކެވެ. އާހެދުމެއް ނުދޮވެ ލާ ކޮންމެފަހަރަކު މިދެންނެވުނު ފަދަ ކަންކަން ކުރިމަތި ނުވެދާނެއެެވެ. ނަމަވެސް މިކަހަލަ ކަމެއް ދިމާވެއްޖެނަމަ ހީވެސް ނުކުރާފަދަ ދެރައަކާއި ކުރިމަތިލާންޖެހިދާނެއެވެ.
