ދުނިޔޭގެ އެންމެ ފުރަތަމަ އުދުހޭ ކާރުގެ ގޮތުގައި ބެލެވޭ އުޅަނދު އާންމުކޮށް ވިއްކުމަށް ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އެލެފް އެއޮރޮނޯޓިކްސް" އިން އުފެއްދި "މޮޑެލް އޭ" އަކީ އާދައިގެ ކާރެކޭ އެއްގޮތަށް މަގުމަތީގައި ދުއްވުމުގެ އިތުރުން، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި ސީދާ މައްޗަށް އަރައި އުދުހިގަތުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މިއީ ކަރަންޓުން ދުވާ، ތިމާވެއްޓާ ރައްޓެހި އުޅަނދެކެވެ. މި ކާރު މަގުމަތީގައި ދުއްވާނަމަ 200 މޭލަށް ދަތުރުކުރެވޭއިރު، ވައިގެ މަގުން 110 މޭލަށް ދަތުރުކުރުމުގެ ބާރު ލިބިފައިވެއެވެ. މި އުޅަނދުގެ އެންމެ ތަފާތު ކަމަކީ ރަންވޭއަކާ ނުލައި، ހެލިކޮޕްޓަރެކޭ އެއްގޮތަށް ސީދާ މައްޗަށް (ވީޓީއޯއެލް) އަރައި ދަތުރު ފެށުމުގެ ފުރުސަތު އޮތުމެވެ. މީގެ ބޭރުގަނޑު ހަދާފައިވަނީ ވައި ދައުރުވާ ފަދަ ޖާލި ގޮތަކަށެވެ. މި ކާރުގެ އަގަކީ ގާތްގަނޑަކަށް 300،000 ޑޮލަރު (ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ) ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އުޅަނދު ޓެސްޓު ކުރުމާއި އުދުއްސުމުގެ ހާއްސަ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ ދީފައެވެ. ކުންފުނިން ބުނާ ގޮތުގައި މިހާތަނަށް ގިނަ އަދަދެއްގެ މީހުން މި ކާރު ގަތުމަށް ވަނީ ޕްރީ-އޯޑަރު ކޮށްފައެވެ. މި ކާރު ޑިޒައިންކޮށްފައި ވަނީ އާންމުކޮށް ކާރު ޕާކުކުރާ ތަންތަނުގައި ފަސޭހައިން ޕާކު ކުރެވޭނެ ގޮތަށް ކަމަށްވުމާއެކު، މިއީ ޓްރެފިކް ޖޭމުގެ މައްސަލައަށް އޮތް ބޮޑު ހައްލެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.