ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާން އޭނާގެ ހަޔާތާއި ކެރިއަރާ ގުޅޭގޮތުން ވާހަކަދައްކަމުން، އޭނާ ގަސްތުކުރަނީ 250 އަހަރު ވަންދެން ދިރިހުންނަން ކަމަށް ބުނެފިއެވެ. ލޮކާނޯ ފިލްމު ފެސްޓިވަލްގައި ބައިވެރިވެ ދެއްކި ވާހަކައިގައި ޝާހުރުކް ހާން ބުނީ އޭނާ މުސްކުޅިވާން ބޭނުން ނުވާ ކަމަށާއި، އަބަދުވެސް ބޭނުންވަނީ ޒުވާންކަންމަތީ ފިލްމީ މަސައްކަތުގައި ދެމިހުންނަން ކަމަށެވެ.
މިހާރު އުމުރުން 59 އަހަރުވެފައިވާ ޝާހުރުކް ހާން ބުނީ އޭނާގެ އުމުރަކީ ހަމައެކަނި އަދަދެއް ކަމަށާއި، އެކްޓްކުރުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އޭނާ ބުނީ އަދިވެސް އިތުރު 250 އަހަރު ދުނިޔޭގައި ހުންނަން ބޭނުންވާ ކަމަށާއި، އެ މުއްދަތުގައި ވެސް ބުރަކޮށް މަސައްކަތްކޮށް ބެލުންތެރިން މުނިފޫހިފިލުވައިދޭން ބޭނުންވާ ކަމަށެވެ. މިއީ އޭނާގެ ފޭނުންނަށް އޮތް ލޯތްބާއި ސިނަމާއަށް އޮތް ޝައުގުވެރިކަން ހާމަކޮށްދިނުމުގެ ގޮތުން ބުނި ވާހަކައެކެވެ.
ޝާހުރުކް ހާން މިވަގުތު އަންނަނީ އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު "ކިންގް" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. ދާދި ފަހުން ލިބުނު ބޮޑެތި ކާމިޔާބީތަކަށް ފަހު، ޝާހުރުކް ހާން ވަނީ އޭނާގެ ސިއްހަތަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ފަށާފައެވެ. އޭނާ ބުނީ މަރުވުމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، އަބަދުވެސް އުއްމީދު ކުރަނީ ދިގު އުމުރަކަށް ކަމަށް ޝާހުރުކް ހާން ބުންޏެވެ.
