މީލާދީ އަހަރެއް ނިމި އައު އަހަރަކަށް ފައި ކުރުކުރަމުންދާއިރު އެހެން އަހަރުތަކެކޭ އެއްގޮތަށްވެސް ކުރިޔަށް އޮތް އަހަރު ކުރާނޭ ކަންތައްތަކެއް ކަނޑައަޅައެވެ. މިއީ އެދުވަސްކޮޅެވެ. ޑިސެންބަރު މަސް ދެބައިވެ، އައު އަހަރެއްގެ ކޮޅުމަތި ފެނިއްޖެއެވެ. އެންމެ ގިނަ މީހުން މިހާރު ހާއްސަ ސަމާލުކަމެއްދޭ އެއްކަމަކީ އަމިއްލަ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި ސިއްހީގޮތުން ހެޔޮ ބަދަލެއް ގެނައުމުގެ ވިސްނުމުގައި ކަސްރަތުކުރުމެވެ. މިގޮތުން އައު އަހަރަކަށް ކުރިމަތިލާއިރު ގިނަ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އާންމުކޮށް މިކަން އޮވެއެވެ. ނަމަވެސް، ގިނަ ފަހަރު މިކަމުގެ މަތިން ހަނދާންވަނީވެސް އަހަރު ނިމޭއަތަށް އަޅައިލީމައެވެ. އޭރު ދުވަން ގެނައި ބޫޓު، ބޫޓު ހަރުގައި ހުރެ މެކުނިވާ އަޅައި އޮންނަނީ ފުރާފައެވެ. އެއްކިބަ ފެނުނިއްޔާ އަނެއް ކިބަ ވީތަނެއް ނޭނގެއެވެ. 

އައު އަހަރަކަށް ކުރިމަތިލާއިރު ކުރަން ވިސްނާ ކަންކަން ތަރުތީބު ކުރުމުގައި ވިސްނުމުގައި ކޮންމެހެން ބަހައްޓަންޖެހޭ ކަންކަން ފާހަގަ ކޮށްލުމަށް މިއީ އެންމެ މުނާޞަބު ވަގުތުކަމުގައި ދެކެމެވެ.

އެންމެ ފުރަތަމަ ކަމަކަށް، ނިމިގެން މިދާ އަހަރަށް ހެދި 'ނިއު އިޔަރ ރިޒޮލިއުޝަން'ގެ ހިސާބުކިތާބު ބަލާލުން މުހިންމެވެ. އަހަރު ތެރޭގައި ކުރަން ވިސްނި ކަންކަމާއި، ހާސިލުވީ މިންވަރާއި، ކަންކަން ހާސިލު ނުވި ސަބަބުތަކާއި ދިމާވި ގޮންޖެހުންތައް ނޯޓު ކޮށްލާށެވެ. އަދި އޭގެ ފަހުން ނުވި ކަންތައްތައް ކުރުމަށް ކުރެވިދާނެކަމަށް އަމިއްލަ ނަފްސަށް ވިސްނޭ ގޮތް ލިޔާށެވެ. މިހެން ހެދުންނަމަ، ނުވަތަ އެހެން ކަންތައް ކުރެވުނުނަމަ، އެކަން ކޮށްލެވުނީސްކަން އޭރުން ތިމާއަށް އެނގޭނެއެވެ.

ދެވަނަކަމަކީ، ނިމިގެން މިދާ އަހަރު ކުރަން ރޭވި ކަންތައްތައް ނުކުރެވުމުން އެކަމާމެދު މާޔޫސް ނުވާށެވެ. ކަމެއް ރޭވުމަކީ އަދި އެކަމެއް ފުރިހަމައަށް ހާސިލުވެވޭނޭ ނުވަތަ ވާންޖެހޭނޭ ކަމެއްނޫނެވެ. ނުވި ކަންތައްތައް ބޮލުލައިގެން އަންނަ އަހަރުވެސް ހަމަ އެހެން ވެދާނެކަމަށް ވިސްނުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ.

ދެން އޮތީ ކުރާނެ ކަންކަން ލިސްޓު ކޮށްލުމެވެ. އެއްވެސް އުނި އިތުރެއް ނުގެނެސް، ހަމަ ކުރަން ބޭނުންވާ ހުރިހާކަމެއް ލިސްޓުކޮށްލާށެވެ. އޭގެ ފަހުން، އެ ކަންކަމުގެ ތެރެއިން ކުރެވިދާނެ ކަންކަން ފާހަގަކޮށްލާށެވެ. އެހެނީ ނުކުރެވޭނޭ ކަންކަންވެސް ލިސްޓުގައި ހުރެދާނެތީއެވެ. ލިސްޓު ބޮޑުކުރުމަށް އެކަންކަން ބެހެއްޓުމުގެ މާނައެއް ނެތެވެ. އޭގެފަހުން، އެކަންކަން ކުރާނެ ގޮތުގެ ތަޞައްވުރެއް ކުރަހާލާށެވެ. ކޮންމެ ދުވަހު ކުރަން ޖެހޭ ކަންކަމާއި، ހަފްތާއަކު ކުރަން ޖެހޭ ކަންކަމާއި، މަހަކު ކުރަން ޖެހޭ ކަންކަން ފާހަގަ ކޮށްލުމުން އެކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

މިހާރު ތިއޮތީ ރާވާލެވިފައެވެ. މަގުޗާޓެއް ކުރަހާލެވިފައެވެ. ދެން އޮތީ އަމިއްލަ ނަފްސު އެކަމަށް ތައްޔާރުކުރުމެވެ. ތިމާ މިކަން މިކުރަނީ އެހެން މީހަކަށް ނުވަތަ ބަޔަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ނަމަ، އަވަހަށް ޕްލޭން އެއްލައިލާށެވެ. އެކަންކަން ވާންޖެހޭނީ ތިމާގެ ކުރިއެރުމަށް، ނުވަތަ ހިތްހަމަޖެހުމަށް ތިމާ އަމިއްލައަށް ބޭނުން ވެގެން ކުރާ ކަންތައްތަކަށެވެ. 

ގިނަފަހަރު، ނިއު އިޔަރ ރިޒޮލިއުޝަން ނާކާމިޔާބުވާ ސަބަބަކީ، މީހުން ދެކޭ ގޮތާއި މީހުން ކިޔާ އެއްޗަކަށް ބަލައިގެން ކުރިޔަށް ދިޔުމެވެ. ކަސްރަތު ކުރީމާ ފައިދާވާނީ ތިމާއަށެވެ. ކޮންމެ ނަމާދެއް ވަގުތުގައި ޖަމާޢަތުގައި ކުރީމާ، ތިމާގެ ދިރިއުޅުން އިސްލާހުވެ، ހެޔޮ މަގުގައި ހުރެވޭނެއެވެ. އެހެން މީހުން ބުނާ އެއްޗެއް އަޑުއަހައިގެން ކުރިޔަށް ދާން އުޅޭނަމަ، އޮންނާނީ ނުވެފައެވެ. 

އައު އަހަރަކަށް ކުރިމަތިލާއިރު، ނައްސި ވިސްނުން ދޫކޮށް، ވިސްނުން ފައްސި ކޮށްލަމާ ހިނގާށެވެ. ތިމާ ހަލާކުގެ ތެރެއަށް ވައްޓާލާ އެންމެ ބޮޑު އަދުއްވަކީ 'ނެގެޓިވް މައިންޑް ސެޓް' ކަން ދެނެގަނެ، ކޮންމެ ކަމެއްގައިވެސް ފައްސިކޮށް (ޕޮޒިޓިވްކޮށް) ވިސްނަން ހިނގާށެވެ. ކަންކަމުގައި ދެކޭ ގޮތް ހާމަކުރާއިރުވެސް، މިދެންނެވި ހަމައިން ކުރިޔަށް ގެންދިޔައީމާ ވަރަށް ގިނަ ކަންކަން ރަނގަޅުވާނެއެވެ. ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ނިއު އިޔަރ ރިޒޮލިއުޝަން މި އަހަރުގެ ޕްލޭނަށްވުރެ ރަނގަޅަށް ކުރިޔަށް ގެންދެވޭތޯ މިހާރުން ފެށިގެން މަސައްކަތް ކުރަމާ ހިނގާށެވެ.