މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރު ހާލިދު އަލް އަމީރީ، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުނައިނާ ޔެއްލާ އާ ލޯބީގެ ގުޅުމެއް އޮތްކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
މިއީ ހާލިދުގެ ކުރީގެ އަނބިމީހާ ސަލާމާ މުހައްމަދު އާ ވަކިވިތާ އަހަރެއްހާ ދުވަސް ފަހުން، އޭނާގެ ހަޔާތަށް އައި އާ ބައިވެރިޔާ އާންމުންނަށް ތައާރަފްކޮށްދިން ފުރަތަމަ ފަހަރެވެ.
މި ހަބަރާއެކު ހާލިދުގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
ހާލިދުގެ އުފަންދުވަހާ ދިމާކޮށް އޭނާ ވަނީ ސުނައިނާ އާއެކު ނަގާފައިވާ ލޯބި ފޮޓޯތަކެއް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކާއެކު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެ ދެމީހުންގެ ގުޅުން "އިންސްޓަގްރާމް އޮފިޝަލް" ކުރި ކަމުގެ ހެއްކެކެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. އަދި މި ޕޯސްޓުތަކަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ހާލިދު އާއި އޭނާގެ ކުރީގެ އަނބިމީހާ ސަލާމާގެ ކައިވެނި ރޫޅުނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދެމީހުން ވަކިވިއިރު ކައިވެންޏަށް 17 އަހަރު ވެފައިވާއިރު، އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. ވަރިވުމަށްފަހުވެސް ދެމީހުން ގުޅިގެން ކުދިން ބެލުމުގެ ކަންކަން "ކޯ ޕޭރެންޓިން" އުސޫލުން ކުރިއަށް ގެންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސަލާމާ އާއި ހާލިދު މީގެ ކުރިން މަޝްހޫރުވެގެން ދިޔައީ ދެމަފިރިން އެކުގައި ކުޅުނު މަޖާ ވީޑިއޯތަކުންނެވެ.
ހާލިދު އާ ގުޅުނު ސުނައިނާ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ހުނަރުވެރި ބަތަލާއެކެވެ. އޭނާ ވަނީ ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. ހާލިދު މި ގުޅުން ހާމަކުރުމާއެކު، އޭނާގެ ސަޕޯޓަރުން އަންނަނީ ދެމީހުންނަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ. އަދި މިއީ ހާލިދުގެ ހަޔާތަށް އައި އާ ފެށުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
