ރާއްޖޭގެ މުޖުތަމައުގައި "ނަޒަރު" ނުވަތަ އެސްފީނާ ލައިގަތުމަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް އަށަގެންފައިވާ ގަބޫލުކުރުމެކެވެ.

އިސްލާމް ދީނުގައި ވެސް އެސްފީނާއަކީ ހައްގު ތެދެއްކަން އަންގަވާފައިވެއެވެ. ނަމަވެސް، ކޮންމެ ކަމެއް އެސްފީނާއާ ގުޅުވައި، މާޔޫސްވެ ބިރުގަތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، މިކަމުން ސަލާމަތްވުމަށް އޮތް މަގަކީ ﷲ ގެ ރައްކާތެރިކަމަށް އެދުމާއި، ހެޔޮ ދުއާ ކުރުމެވެ. 

މިއީ ހަމައެކަނި ކުޑަކުދިންނަށް ދިމާވާ ކަމެއްގެ ގޮތުގައި ކުރިން ދެކުނު ނަމަވެސް، މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮޑެތި މީހުންނާއި، މުދަލާއި، ވިޔަފާރިތަކަށް ވެސް ނަޒަރުގެ ނޭދެވޭ އަސަރު ފޯރައެވެ. މި ގަބޫލުކުރުންތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، އެކަކު އަނެކަކާ މުއާމަލާތް ކުރުމުގެ ގޮތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.


އެކަކު އަނެކަކަށް ޝައްކުގެ ނަޒަރަކުން ބެލުމުގެ ސަބަބުން މުޖުތަމައުގެ ނުވަތަ އާއިލީ އެއްބައިވަންތަކަމަށް ހީނަރުކަން އާދައެވެ.

މީހުންނާދޭތެރޭ ރަނގަޅަށް ދެކޭމީހާ އާމެދު ޝައްކުކުރެވި އެސްފީނާއަޅާފާނެ ކަމަށް ބެލެވޭނަމަ އަމިލައް ނަފްސް ހީލްކުރުން މުހިއްމުކަމަށް ސައިކޮލޮޖިސްޓުން ލަފާދެއްވަ އެވެ.


ނަޒަރު ލައިގަނެދާނެ ކަމުގެ ބިރަށް، މީހުންނަށް ލިބޭ ނިއުމަތްތަކާއި ކުރިއެރުންތައް ސިއްރު ކުރުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ.

އާ ގެއެއް އިމާރާތް ކުރުމުން، މޮޅު ވަޒީފާއެއް ލިބުމުން ނުވަތަ ދަރިންނަށް ލިބޭ ކާމިޔާބީތައް ފާޅުކުރުމަށް ގިނަ ބަޔަކު ޖެހިލުންވެއެވެ. މީގެ ނަތީޖާއަކީ މުޖުތަމައުގެ މީހުންގެ މެދުގައި އޮންނަން ޖެހޭ ގާތްކަމާއި ހާމަކަން ބޮޑު ގޮތް ނެތިދިއުމެވެ.

އެކަކު އަނެކަކަށް ޝައްކުގެ ނަޒަރަކުން ބެލުމާއި، އަމިއްލަ އުފާތައް އެހެން މީހުންނާ ހިއްސާ ނުކޮށް ސިއްރުވެރި ދިރިއުޅުމެއް އުޅުމަށް މަޖުބޫރުވަނީ މި ސަބަބާ ހުރެއެވެ.


މި ކަމުގެ އަނެއް ފަރާތަކީ ހަސަދަވެރިކަމާއި ގުޅުންތަކަށް އަރާ ބުރޫއެވެ. އެސްފީނާ ޖެހެނީ އެހެން މީހުންގެ ހަސަދަވެރި ބެލުންތަކުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭތީ، މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދެއެވެ. ބަލިމަޑުކަމެއް ނުވަތަ މާލީ ގެއްލުމެއް ލިބިއްޖެ ނަމަ، އެއީ ވަކި މީހެއްގެ ފަރާތުން އައި ކަމެއް ކަމަށް ތުހުމަތު ކުރެވޭ ހާލަތްތައް އާދެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ޒަމާންވީ ރަހުމަތްތެރިކަމާއި އާއިލީ ގުޅުންތައް ކެަނޑި، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދިގެން ދާކަން ފާހަގަ ކުރެވެއެވެ.

މީހަކަށް ރަނގަޅު ގޮތެއް ވުމުން "މާޝާﷲ" ކިޔުމާއި، ބަރަކާތް ލެއްވުން އެދި ދުއާ ކުރުމުގެ ރީތި އާދަ މުޖުތަމައުގައި ފެތުރުމަކީ މިފަދަ ނޭދެވޭ އަސަރުތައް ކުޑަކޮށް، ހަމަޖެހުން ގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.