ގައުމީ އެއަރލައިން، މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަނުން ބުނީ، ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވަލް ކުންފުންޏެއް ކަމަށްވާ، "ލަގްޒަރީ އެސްކޭޕްސް" އާ ގުޅިގެން ކަމަށެވެ. އަދި، މި ދަތުރުތައް ކުރާނީ އޮސްޓްރޭލިއާގެ މެލްބަން އަށެވެ.

މިއީ މޯލްޑިވިއަނުން ސީޒަނަލްކޮށް ފަށާ ދަތުރުތަކެކެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ. އަދި މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ބުނީ، މި ފްލައިޓްތައް ތާވަލުކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެން ކަމަށާއި، މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސީޕްލޭން ނެޓްވޯކްގެ ހިދުމަތްތަކުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާ އަށް ފެށުމަށް ނިންމާފައިވާއިރު، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާ އިން 40،637 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35،818 ފަތުރުވެރިންނާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.

މިހާރު އޮސްޓްރޭލިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.