ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޓިކްޓޮކް ތަރި ޓަކާ ޖެނަލް، އުމުރުން 31 އަހަރުގައި މަރުވެއްޖެއެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅެމުން ދިޔަ ޓަކާ މަރުވެފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 11 ވީ ބުރާސްފަތި ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވެފައިވަނީ  ދަންޖެހިގެން ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.


ޓަކާ މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާގެ ޓިކްޓޮކް އެކައުންޓުގައި ވަނީ ވަރަށް އަސަރުގަދަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި އަހަރުގެ އެކި ދުވަސްތަކުގައި ނަގާފައިވާ ފޮޓޯތައް ހިމަނައިގެން ހަދާފައިވާ މި ވީޑިއޯގައި، ދިރިއުޅުމަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށް ބުނާ އޯޑިއޯއެއް ބޭނުންކޮށްފައިވެއެވެ. "ދިރިއުޅުމަކީ އަގުހުރި އެއްޗެއް. ސަބަބަކީ އެ ދިރިއުޅުން އަލުން އަނބުރާ ނުހޯދޭނެތީ،" މި ފަދަ މާނައެއް ދޭހަވާ މެސެޖެއް އޭނާ ދީފައިވާއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ އަމިއްލައަށް މަރުވުމުން ފޭނުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ޓަކާ ޖެނަލް މަޝްހޫރުވެފައިވަނީ އޭނާގެ ދެ ބޭބެ ކަމަށްވާ ކާސަން އަދި ކޮނާ އާއެކު ކުޅެފައިވާ މަޖާ ޗެލެންޖުތަކާއި ވީޑިއޯތަކުންނެވެ. ކެއުމުގެ ތަފާތު މުބާރާތްތަކާއި އާއިލީ މަޖާ ކަންތައްތައް ދައްކުވައިދޭ މި ވީޑިއޯތަކަށް ޓިކްޓޮކްގައި އެކަނިވެސް 3 މިލިއަނާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިއްބެވެ. އޭނާއަކީ އަބަދުވެސް މީހުން ހެއްުވުމަށާއި އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތްކުރި ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.


މި ހިތާމަވެރި ހާދިސާ ކަށަވަރުކޮށްދެމުން އޭނާގެ ބޭބެ ކާސަން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ޓަކާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި "ހީރޯ" ކަމަށެވެ. އަދި ޓަކާ ނެތި ދިރިއުޅުން ކުރިއަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މި ދަނޑިވަޅުގައި އާއިލާއަށް ޕްރައިވެސީ ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ. ޓަކާގެ ކުއްލި ވަކިވުމާއެކު އޭނާގެ އެކުވެރިންނާއި ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އަދި ބޭރުފުށުން އުފާވެރިކޮށް ފެނުނު ނަމަވެސް، ނަފްސާނީ ގޮތުން މީހުންނަށް ދިމާވާ ގޮންޖެހުންތައް ނޭނގިދާނެކަން މި ހާދިސާއިން ހާމަވާ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އެކަކު އަނެކަކަށް އަޅާލުމަށް ގޮވާލަމުންނެވެ.