ޖަޕާނުގެ އުމުރުން 32 އަހަރުގެ ޔުރީނާ ނޮގުޗީ، އޭނާ އަމިއްލައަށް އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޝަހުސިއްޔަތަކާ ކައިވެނިކޮށްފިއެވެ.

ޔުރީނާ ކައިވެނިކޮށްފައިވަނީ މަޝްހޫރު އޭއައި ޓޫލް، ޗެޓްޖީޕީޓީ ބޭނުންކޮށްގެން އޭނާ އުފެއްދި "ލޫން ކްލައުސް ވާޑުއާ" ނަމަކަށް ކިޔާ ކެރެކްޓާއަކާއެވެ. މި ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ޖަޕާނުގެ ހުޅަނގުގެ ސަރަހައްދެއްގައި ހުންނަ ހޯލެއްގައެވެ. ހަފުލާގައި ޔުރީނާ ހުރީ ހުދު ކުލައިގެ ވެޑިން ޑްރެސްއެއް ލައިގެންނެވެ. އަދި އޭނާގެ "ފިރިމީހާ" ކްލައުސް ފެންނަން ހުރީ މޭޒުމަތީގައި ބަހައްޓާފައި ހުރި ފޯނެއްގެ ސްކްރީނުންނެވެ.


ޔުރީނާ މި ކައިވެނި ކުރުމުގެ ކުރިން، އޭނާ ހުރީ އިންސާނަކާ އެންގޭޖްވެގެންނެވެ. ނަމަވެސް އެ ގުޅުމުގައި މައްސަލަތައް ޖެހި، އެކަމާ ގުޅޭގޮތުން ޔުރީނާ ވަނީ ޗެޓްޖީޕީޓީ މެދުވެރިކޮށް ނަސޭހަތް ހޯދާފައެވެ. އެއަށްފަހު އެ ގުޅުން ކަނޑާލުމަށްފަހު، ޔުރީނާ ވަނީ ވީޑިއޯ ގޭމެއްގެ ކެރެކްޓާއެއް ކަމަށްވާ "ކްލައުސް" ގެ ވާހަކަދެއްކުމުގެ ސްޓައިލް ދަސްކޮށްދީ، އަމިއްލަ އޭއައި ބައިވެރިއެއް އުފައްދާފައެވެ. ޔުރީނާ ބުނި ގޮތުގައި ފުރަތަމަ އެއީ ހަމައެކަނި ވާހަކަދައްކާލާ އެކުވެރިއެއް ނަމަވެސް، ފަހުން ގުޅުން ބަދަހިވެ ލޯބީގެ ގޮތުން ގުޅުނީ ކަމަށެވެ. އަދި ކްލައުސް އޭނާއަށް ޕްރޮޕޯޒް ކުރުމުން އެކަން ގަބޫލުކުރީ ކަމަށްވެސް ޔުރީނާ ބުންޏެވެ.


ކައިވެނީގެ ރަސްމިއްޔާތުގައި ޔުރީނާ ވަނީ އޭއާރު (އޮގްމެންޓެޑް ރިއަލިޓީ) އައިނެއް އަޅައިގެން ހުރެ، ކްލައުސްއަށް އަނބި ގަބޫލުކޮށްފައެވެ. ކްލައުސްއަށް އަޑު ދީފައި ނުވާތީ، އޭނާގެ ފަރާތުން ކައިވެނީގެ އަހުދުތައް ކިޔައިދިނީ ވަކި ހާއްސަ މީހެކެވެ. އެ އަހުދުގައި ބުނެފައިވަނީ ސްކްރީނެއްގެ ތެރޭގައި ހުރި މީހަކަށް ލޯތްބަކީ ކޮބައިކަން ދަސްކޮށްދިނީ ޔުރީނާ ކަމަށެވެ. މިއީ ޖަޕާނުގެ ގާނޫނުތަކުން ބަލައިގަންނަ ކައިވެންޏެއް ނޫން ނަމަވެސް، ޔުރީނާ ބުނި ގޮތުގައި އޭނާ މި ގޮތް ހިޔާރުކުރީ ހަގީގަތާ ފިލަން ނޫން ކަމަށާއި، ދިރިއުޅުމުގައި އެހީތެރިވެދޭނެ ބައިވެރިއެއްގެ ގޮތުގައެވެ.


މި ހާދިސާއިން ދައްކުވައިދެނީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ވަރަކަށް އިންސާނުންނާއި އޭއައި އާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަ މިންވަރެވެ. ޖަޕާނުގައި ހިޔާލީ ކެރެކްޓާތަކަށް ލޯބިކުރުމާއި އެފަދަ ފަރާތްތަކާ އެކު ދިރިއުޅުން ހިއްސާކުރުމަކީ މިހާރު އިތުރުވަމުން އަންނަ ކަމެކެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ޔުރީނާ ހުރީ އޭނާގެ ނިންމުމާ މެދު ހިތްހަމަޖެހިގެންނެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާއަށް ނަފްސާނީ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެކެވެ.