ކ. ގުރައިދޫ ބޭރުން މިއަދު ހިފި ހަ ފޫޓުގެ ކިނބޫ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ގެންގޮސް ދޫކޮށްލުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

މި ކިނބޫ ހިފާފައި ވަނީ އެ ސަރަހައްދުގައި އުޅުނު "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ގުރައިދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭލު ބޭރުން ހިފި މި ކިނބޫ މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ދިގުމިނުގައި ހަ ފޫޓު ހުރި މި ކިނބުލާ ހަވާލުވުމަށް ފަހު، ސިފައިން އަންނަނީ ކަނޑުމަގުން އެ ސޮރު ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ސިފައިންގެ އޮފީހުން ބުނީ، މިހާރު މަސައްކަތް ކުރަމުން ދަނީ ކިނބޫ އަލުން ރާއްޖެއަށް ނާދެވޭނެ ހިސާބަކަށް، އިގުތިސާދީ ސަރަހައްދުން ބޭރަށް ގެންގޮސް ދޫކޮށްލުމަށް ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަދަ ތަކެތި ފެނުމަކީ އާންމު ކަމެކެވެ.